މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އެކްސޮން ކޮމްޕެނީ އާ ގުޅިގެން ކުރިއަށްގެންދިޔަ ފުރަތަމަ “ޓޭޒަރ އިންސްޓްރަކްޓަރ ކޯސް” ނިމިއްޖެއެވެ.
މި ކޯހުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އޮފިސަރުންނަށް ޓޭޒަރ އާ ގުޅޭ ކްލާސްތައް ނަގައިދޭނެ މުދައްރިބުން އުފެއްދުމެވެ. މީގެ އިތުރުން ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރާނެ ގޮތްތައް މި ކޯހުގައި ކިޔައިދޭނެއެވެ.
މިއަދު މާފުށީ ޖަލުގައި ބޭއްވި ކޯސް ނިމުމުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 08 ފަރާތަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ކޯހަކީ 03 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގެ ބައިވެރިންނަކީ އެމްސީއެސްގެ 4 އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 04 އޮފިސަރުންނެވެ.
ޓޭޒަރއަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ލޯ އެންފޯސްމަންޓް އޭޖެންސީތަކުގައި ބޭނުންކުރެވެމުން އަންނަ އާލާތެކެވެ. އަދި ޓޭޒަރ ބޭނުންކޮށްގެން އެންމެ ގެއްލުން ކުޑަ ގޮތަކަށް މީހުން ކޮންޓްރޯލް ކުރެވޭނެއެވެ.
މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައިވަނީ އެކްސަން ކޮމްޕެނީގެ ސީނިއަރ އިންޓަރނޭޝަނަލް ޓްރޭނިންގ މެނޭޖަރ މރ. ނިކް ޑޭވީޒްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މރ. ޑޭވީޒް ކޯހުގައި ކިޔަވައި ދިނުމަށް ފުރުސަތު ދިނީތީ ޝުކުރުވެރިވާކަމަށް ވިދާޅުވިއެވެ. އަދި ޓޭޒަރ ރައްކާތެރި އަދި ޒިންމާދާރުކޮށް ބޭނުންކުރަން ދަސްވުމުން އޮފިސަރުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރެވޭނެކަމަށާއި ޓޭޒަރ އެކުލެވިގެންވަނީ ވަރަށް ހައި ޓެކްނޮލޮޖީގެ މައްޗަށްކަމަށާއި އެ ރަނގަޅުގޮތުގައި ބޭނުންކުރުމަށް ޓްރޭނިންގ ހަދައިގެން ތިބި އޮފިސަރުން ހުރުމަކީ މުހިއްމުކަމެއްކަމުގައި މރ. ޑޭވީޒް ވިދާޅުވިއެވެ.
ޓޭޒަރއާ ގުޅޭ މަޢުލޫމާތު ސެޝަނެއް މި ސަރވިސްގެ މަސައްކަތްތައް މޮނިޓަރ ކުރާ މުވައްސަސާތަކަށް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.