އެމްސީއެސްއިން “އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް” ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން، “އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް” މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މުއްދަތަކީ 15 ދުވަހެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް މޫސާ އަންވަރު، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އަޙްމަދު ޖާދުﷲ، ކޮމިޝަންޑް އޮފިސަރުންނާއި ޕްރޮގްރާމްގެ ދަރިވަރުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ޕްރިޒަން އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން އެމީހަކު ދަސްކޮށްފައިވާ ޢިލްމާއި ފަންނީ ހުނަރެއް އެހެންބަޔަކަށް އުނގަންނައިދިނުމުގެ ހުނަރާއި ޤާބިލްކަން ލިބިދިނުމާއި މިރޮނގުން ހުނަރުވެރި މުދައްރިބަކު އުފެއްދުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ މިއަދަކީ ވަރަށް މުހިއްމު މަސައްކަތެއްގެ ފެށުން ކަަމަށާއި މި މުވައްސަސާއާ އަލަށް ގުޅޭ ފަރާތްތައް ތަމްރީންކުރުމަށްޓަކައި ތަމްރީންވާ ފަރާތްތަކަށް ޙަވާލު ކުރެވެނީ ވަރަށް މަތިވެރި އަމާނާތަކާއި މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ފާހަގަކުރައްވައި، ކޮމިޝަނަރ ވިދާޅުވީ ރަނގަޅު، ޕްރޮފެޝަނަލް ވޯކް ފޯސްއެއް ބިނާ ކުރުމަކީ ދިމާވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމެއް ކަމަށެވެ. މިކަން ރަނގަޅުކުރުމަށްޓަކައި އައިކޯސްޓްގެ ވިސްނުމާއި އެހީތެރިކަމާއެކު އިންސްޓްރަކްޓަރުންގެ ކޯހެއް ފަރުމާކުރެވި، މިއަދު މި ފެށިގެން މިދިޔަ ކޯހުގެ ބައިވެރިންނަކީ އޮފިސަރުންގެ ތެރެއިން އައިކޯސްޓަށް ފާހަގަކުރެވިގެން ހޮވާލެވުނު އޮފިސަރުން ކަމަށާއި އެކަމަށް ފަޚުރުވެރި ވާންޖެހޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މި ތަމްރީން ޕްރޮގްރާމްއިން ދަސްވާ އެއްޗެހީގެ ޢަލީގައި، ކުރިއަށް އޮތްތާނގައި ތަމްރީންކުރާ އޮފިސަރުންނަކީ ވީހާވެސް ޕްރޮފެޝަނަލް އަދި ޤާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެކަމަށް އުއްމީދުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މެނޭޖިންގ އޮފިސަރސް ޕަރފޯމަންސް، ލެސަން ޕްލޭން، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ރިސްކް މެނޭޖްމަންޓް، ކްލާސްރޫމް މެނޭޖްމަންޓް، ފުޓް ޑްރިލް، އޮބްޖެކްޓިވް ރައިޓިންގ، ފަރސްޓް އެއިޑް އަދި ޓީޗިން ޕްރެކްޓިސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.