ޔޫއެންއޯޑީސީއާ ގުޅިގެން ހިންގި “ސޭފް އެންޑް ސެކިޔޯ އެޕްރޯޗަސް ޓު އިފެކްޓިވް ރިހެބިލިޓޭޝަން އެންޑް ވޮކޭޝަނަލް ޓްރޭނިންގ” ޕްރޮގްރާމް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ހިންގި “ސޭފް އެންޑް ސެކިޔޯ އެޕްރޯޗަސް ޓު އިފެކްޓިވް ރިހެބިލިޓޭޝަން އެންޑް ވޮކޭޝަނަލް ޓްރޭނިންގ” ޕްރޮގްރާމް ނިމި، ބައިވެރިންނަށް މިއަދު ސެޓްފިކެޓް ދީފިއެވެ.  

މާފުށީ ޖަލުގައި މިއަދު ބޭއްވި ނިމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އާއި އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓްއާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ޔޫއެންއޯޑީސީގެ ފަރާތުން މރ. އެންރީކޯ ބޮނިންސޭނާ އާއި މރ. އެލިއުޑް އޮޕިލޯ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރިޒަން އެކްޕަރޓް މރ. އެލިއުޑް އޮޕިލޯއެވެ.

05 ދުވަހަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 14 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ޤައިދީންނަށް ރިހެބިލިޓޭޝަން އަދި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ގެންދިއުމުގައި ބޭނުންކުރެވިދާނެ ރައްކާތެރި ގޮތްތައް ބައިވެރިންނަށް ކިޔަވާދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ފާހަގަކުރެއްވީ މި ސެންޓަރުތައް ޤާއިމުކުރެވުމުން މިހާރަށްވުރެ ގިނަ ޤައިދީން ޕްރޮގްރާމްތަކުގައި ބައިވެރިކުރެވި، ރިހެބިލިޓޭޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވި، އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޖުވެނައިލް އަދި ސެކްސް އޮފެންޑަރ ފަދަ އެކި ދާއިރާތަކުން ޕްރޮގްރާމްތައް މިހާރު ފަރުމާ ކުރެވެމުންދާކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.  މީގެ އިތުރުން ކިޔަވާ އެއްޗެއްގެ ބޭނުން ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ކޮމިޝަނަރ މި ޕްރޮގްރާމްގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

އެމްސީއެސްއިން ޤައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް އަނބުރާ ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ޤާއިދީންނަށް ތަޢުލީމީ އަދި ފަންނީ ތަމްރީންތަކާއި ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ.

.