މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ސޮއިކުރެވުނު މި އެމްއޯޔޫގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޙްމަދު ޢަލީއެވެ.
މި އެމްއޯޔޫގެ މަޤްޞަދަކީ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫން)ގެ 21 ވަނަ މާއްދާ އާއީ ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ޙާލަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާ އާ ގުޅޭގޮތަށް ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި އެމްއޯޔޫގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ 01 މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުމަށްފަހު އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލަރނިންގ ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
އަދި އެމްސީއެސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޢިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކުށްކުރާ ކުޑަކުދިންނަށް ޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އެމްސީއެސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެ ކުދިން ބޭތިއްބުމަށް އެމްސީއެސްއިން ވަނީ 30 ޖަނަވަރީ 2022 ގައި އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރއެއް ހުޅުވާފައެވެ. މި ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ޤާއިމްކުރެވިފައިވާ ސެންޓަރެކެވެ.