އެމްސީއެސްގެ މިޑްލް މެނޭޖްމަންޓް ލެވެލްގެ އޮފިސަރުންނަށް ޚާއްސަކޮށް ހިންގި ދެވަނަ “މިޑްލް މެނެޖަރސް ރިފްރެޝަރ” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓްގައި މަސައްކަތްކުރާ އޮފިސަރުންނަށް ޚާއްސަކޮށް ހިންގި ދެވަނަ ”މިޑްލް މެނެޖަރސް ރިފްރެޝަރ” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިއަދު ބާއްވައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

04 ޖޫން 2022 އިން 08 ޖޫން 2022 ށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކި ޖަލުތަކުން ސްޓާފް ސާޖަންޓް ރޭންކް އިން ފެށިގެން ސީނިއަރ ޕްރިޒަން އޮފިސަރ ރޭންކްގެ 16 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. 

މި ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ. ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި އައިކޯސްޓްގެ އިސް ވެރިންނާއި ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އައިކޯސްޓްއިން މުވައްޒަފުން ތަރައްޤީކުރުމަށް ކުރަމުން ގެންދާ އަގުހުރި އަދި ބުރަ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، އައިކޯސްޓްގެ ޑައިރެކްޓަރަށާއި އޮފިސަރުންނަށް ޝުކުރު ދެންނެވިއެވެ. އަދި މުސްތަޤްބަލުގައި އައިކޯސްޓްއިން މިހާރަށްވުރެ އިތުރަށް މިފަދަ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާނެކަމަށް ޢުންމީދުކުރައްވާ ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ. ޕްރޮގްރާމްގެ ދަސްވެނިންނަށް މުޙާތަބްކުރައްވަމުން ޑީސީ ނަސޭހަތްތެރިވެލެއްވީ އައިކޯސްޓްއިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށްފަހު ދަސްވި އެއްޗެހި ހަނދާން ނައްތާނުލުމަށެވެ. އަދި އެ މަޢުލޫމާތުގެ ބޭނުން ހިފައިގެން މަސައްކަތްކުރުމަށާއި ޖަލުތައް އިސްލާހުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަންތައްތައް ކުރުމަށް ޑީސީ އިލްތިމާސް ކުރެއްވިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅާ، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޙުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ މުވައްޒަފުންނެވެ.  ެ.   މި ސަރވިސްގެ އެދުމުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ވަނީ އިންސާނީ ޙައްގުތަކާއި އެންޓި-ޓޯޗަރ ޤާނޫނާ ގުޅޭ ސެޝަނެއް މި ޕްރޮގްރާމްގެ ބައިވެރިންނަށް ކުރިއަށް ގެންގޮސްފައެވެ.