މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓަށް ޚާއްސަކޮށް ”މިޑްލް މެނެޖަރސް ރިފްރެޝަރ” ޕްރޮގްރާމްގެ ދެވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.
04 ޖޫން 2022 އިން 08 ޖޫން 2022 ށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެކި ޖަލުތަކުން ސްޓާފް ސާޖަންޓް ރޭންކް އިން ފެށިގެން ސީނިއަރ ޕްރިޒަން އޮފިސަރ ރޭންކްގެ 16 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މާފުށީ ޖަލުގެ ހެޑް އޮފް ފީމޭލް ޕްރިޒަން ކޮމާންޑް ޗީފް ޕްރިޒަން އޮފިސަރ އައިޝަތު ރިއުޒާ މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލުތަކުގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީ އެ ކަމަށް ޤާބިލް އަދި ވަޒީފާގެ ވާޖިބްތަކަށާއި މަސްޢޫލިއްޔަތުތައް އަދާކުރާ އޮފިސަރުންތަކެއް ކަމަށާއި، ޖަލުގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަނެ އޮފިސަރުންގެ ކުރިއެރުމަށް ވިސްނައި، އަބަދުވެސް ތަޢުލީމާއި ތަމްރީނަކީ މުހިއްމު އެއްޗެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިފަދަ ތަމްރީންތަކަކީ އަބަދުވެސް މި މުވައްސަސާގެ އޮފިސަރުންގެ ކުރިއެރުމަށް އައިކޯސްޓުން ކުރަށްވާ އަގުހުރި މަސައްކަތްތަކެއްކަން ހުރިހާ އޮފިސަރުންވެސް ޤަބޫލްކުރައްވަންޖެހޭކަމަށް ސީޕީއޯ ރިއުޒާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅާ، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޙުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ މުވައްޒަފުންނެވެ.
އަދި ލީޑަރޝިޕް އެންޑް ކޮމިއުނިކޭޝަން ސްކިލްސް، އެތިކްސް އެންޑް ގޯލް ސެޓިންގ، ސްވިމިންގ އާއި ފުޓް ޑްރިލް، އިންވެސްޓިގޭޝަން އެންޑް ޕްރޮބްލަމް ސޯލްވިންގ އަދި މެނޭޖީރިއަލް ޕްރޮފައިލް ފަދަ މޮޑިއުލްތަކުގެ އިތުރުން ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމާއި ޔޫއެން ކޮންވެންޝަން އަގޭންސްޓް ޓޯޗަރ އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގޭންސްޓް ޓޯޗަރ މުވާހަދާތަކާ ބެހޭ މަޢުލޫމާތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވާދިނުމަށް ވަނީ ހަމަޖެހިފައެވެ.