ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޤައިދީންނަށް ޚާއްސަކޮށް ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދާ ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޤައިދީންނަށް ޚާއްސަކޮށް ސެޓްފިކެޓް 1 އިން ހައުސްވަޔަރިންގ އެންޑް އިލެކްޓްރީޝަން ކޯސް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މިއީ ސެޓްފިކެޓް 1 އިން ހައުސްވަޔަރިންގ އެންޑް އިލެކްޓްރީޝަން ކޯހުގެ 08 ވަނަ ބެޗެވެ. އަދި މި ބެޗްގައި 35 ފިރިހެން ޤައިދީންނާއި 02 އަންހެން ޤައިދީން ވަނީ ބައިވެރިވެފައިވާއިރު، މި ކޯސް ކުރިއަށްދާނީ ފަސް ހަފްތާގެ މުއްދަތަކަށެވެ.

މި ކޯހުގެ މަޤްޞަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާއި ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ތަކެތި ކިޔައިދީ، ކަރަންޓް ވައިރު ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ،  ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ޖަލުން ނުކުތުމަށްފަހު، އާންމު ދިރުއުޅުމުގައި އުޅޭއިރު އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ.

މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ކިއު.އޭއިން ލެވަލް 01 ގެ ފެންވަރަށް ޤަބޫލުކުރާ ސެޓްފިކެޓެއް ލިބި، މިދާއިރާއިން ސެޓްފިކެޓް ލެވެލް 2 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

މި ކޯހުގައި މައިގަނޑު ހަތް (7) މޮޑިއުލް ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިންގ، އިންސްޕެކްޝަން، ޓެސްޓިންގ، ފޯލްޓް ފައިންޑިންގ އެންޑް ރިޕެއަރ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން، އެސްޓިމޭޓް ހެދުމާއި ކަރަންޓު ވަޔަރުކުމަށް ބޭނުންވާ ތަކެތި، އިންސްޓޯލް ސާރވިސް / ރިޕެއަރ އޮރ ރިޕްލޭސް އިލެކްޓްރިކަލް ކޮންޓްރޯލް ސިސްޓަމް އެންޑް ޕްރޮޓެކްޓިވް ސްވިޗް ގިއަރ ފަދަ މޮޑިއުލްތަކުގެ އިތުރުން އިނގިރޭސި އަދި ހިސާބުވެސް ކިޔަވާދޭނެއެވެ.

އެމްސީއެސްއިން މަސައްކަތްކުރަނީ ޤައިދީން އިސްލާޙުކޮށް، އެމީހުންނަށް ތަޢުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެފަރާތްތަކަށް ޢާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއް ދަސްކޮށްދިނީ، ކުށުގެ ވެށިން ދުރުހެލިކުރުމަށް އެއްބާރުލުން ދިނުމަށެވެ.