ހުޅުމާލެ ޖަލުގައި ޙުކުމެއް ތަންފީޛު ކުރަމުންދިޔަ ޤައިދީއަކު އެމަޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ އއ. ހިމަންދޫ ހެޕީ ރެސްޓް ޢަލީ މުޙައްމަދު (58 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

އޭނާ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް އިޙްސާސްކުރުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު، ޙާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު 15:20 ހާއިރު ވަނީ ނިޔާވެފައެވެ.

ޢަލީ މުޙައްމަދަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.

ޢަލީ މުޙައްމަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.