އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަރސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް “އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަރސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް” ގެ ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިއަދު ބާއްވައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

05 ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް،  ޔޫއެންގެ “މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް – ދަ ނެލްސަން މަންޑޭލާ ރޫލްސް” އަށް އަޙުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ. މިގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީ ލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ވަނީ ބައިވެފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި ޔޫއެންއޯޑީސީގެ އެސޯސިއޭޓް ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް އޮފިސަރ މރ. ޖޯޝުއާ އާޓޭޓާ ގޮންޒާލީޒް، ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ކޯޑިނޭޓަރ ދުޝާންތީ ފަރނާންޑޯ، ނެޝަނަލް ޕްރޮގްރާމް އޮފިސަރަ މުޙައްމަދު އަރުޖުން، ޕްރިޒަން އެކްސްޕަރޓް ޔޯހަން މަޓްސް ފްރެޑެރިކް ޔޮނަސަން، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޕްރިޒަން އެކްސްޕަރޓް އެލިއުދް އޮޕިލޯ އޮކެއްލޯ، ކޮމިޝަންޑް އޮފިސަރުންނާއި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ސްރީ ލަންކާގެ ކޮމިޝަނަރ ޖެނެރަލް ތުޝާރާ އުޕުލްދެނިޔާ މި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ޔޫއެންއޯޑީސީއަށާއި ފެސިލިޓޭޓަރުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރެއްވަމުން ވިދާޅުވީ މި މިފަދަ ޓްރޭނިންގ ޕްރޮގްރާމެއްގައި ބައިވެރިވާން ފުރުޞަތު ލިބުމުން އުފާކުރައްވާކަމަށެވެ. ޖަލުތަކެއް ހިންގުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށް ވިދާޅުވެ، ކޯވިޑް-19 އާ ގުޅިގެން ދިމާވި ގޮންޖެހުންތަކަށް ކޮމިޝަނަރ އަލިއަޅުވާލެއްވިއެވެ. އަދި އެފަދަ ޙާލަތުގައި ސިއްޙީ ފަރުވާފަދަ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންވާ އަސާސީ އަދި އިންސާނީ ޙައްޤުތައް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ވީޑީއޯ ކޯލް، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޓެލެކޮންސަލްޓޭޝަން، އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުން، އޮންލައިންކޮށް ފައިސާ ފޮނުވުން ފަދަ ޙައްލުތައް ހޯދުނު ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މި ޒަމާނީ ޙައްލުތަކުގެ ސަބަބުން ޤައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހިނގާ ޚަރަދުތަކާއި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުނުކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ޕްރިޒަން އޮފިސަރުންވެސް ޖަލުގައި ބަންދުވެ ތިބެގެން ކުރި އަގުހުރި ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ޝުކުރުއަދާ ކުރެއްވިއެވެ.

މި ޓްރޭނިންގގެ ސަބަބުން އަވައްޓެރި ސްރީ ލަންކާގައި ކޯވިޑް-19 ޕެންޑެމިކްގެ ޙާލަތާއި އެ ޤައުމުގެ ޕްރިޒަން އޮފިސަރުންގެ ތަޖުރިބާތައް އެމްސީއެސްގެ އޮފިސަރުންނާ ޚިއްސާކޮށް، ދެފަރާތުންވެސް ކަންތައްތައް ދަސްކުރުމުގެ ފުރުޞަތު ލިބިނުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ޓްރޭނިންގ އަކީ މީގެ ފެށުންކަމަށާއި، އިތުރު ޤައުމުތަކާ ގުޅިގެން މިފަދަ ޓްރޭނިންގ ޕްރޮގްރާމްތައް މުސްތަޤްބަލްގައި ކުރިއަށް ގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޔޫއެންއޯޑީސީގެ ފަރާތުން އެސޯސިއޭޓް ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް އޮފިސަރ މރ. ޖޯޝުއާ އާޓޭޓާ ގޮންޒާލީޒް ވިދާޅުވީ މިފަދަ ޓްރޭނިންގ ޕްރޮގްރާމެއް ސްރީ ލަންކާ އާއި ދިވެހި ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް ކުރިއަށްދިމުނަކީ ވަރަށް އުފާވެރިކަން އިޙުސާސްކުރެވޭކަމެއްކަމަށެވެ. އެމްސީއެސްއަށާއި ސްރީ ލަންކާގެ ޑިޕަރޓްމަންޓް އޮފް ޕްރިޒަންސް އަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ ޖަލު ހިންގުމުގެ ނިޒާމު ކުރިއެރުވުމަށް މުސްތަޤްބަލްގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.