މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިސްނެންގެވުމުގެ ދަށުން، ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން “ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ” ގެ ނިމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައި، އެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފިއެވެ.
20 މާރިޗު 2022 ން ފެށިގެން ފަސް ދުވަހަށް ހިންގުނު މި ތަމްރީމް ޕްރޮގްރާމަކީ ޤާނޫނު ނަމްބަރު 18/2019 ކުޑަކުދިންގެ ޢަދުލުގެ ޤާނޫގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކި ހައިޞިއްޔަތުން ކުޑަކުދިންނާ މުޢާމަލާތްކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ޚާއްސަ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ހިންގުނު ޕްރޮގްރާމެކެވެ. މި ޓްރޭނިންގގެ މަޤްޞަދަކީ ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތައް ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމާއި، އެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބިދޭ ޙައްޤުތަކާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމެވެ.
މިގޮތުން މި ތަމްރީން ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފިސްއާއި ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތްތައް ހިމެނޭގޮތަށް ޖުމްލަ 30 ބައިވެރިން ހިމެނެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލްފާޟިލް ޢަލީ ނަޒީރުއެވެ. ޝަރަފްވެރި މެހެމާނުގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ލުޢަޔު ސައީދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަޠީފް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސައީދު، ޖުވެނައުލް ޖަސްޓިސް އޯވަރސައިޓް ކޮމިޓީގެ ބޭފުޅުން އަދި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލްފާޟިލް ޢަލީ ނަޒީރު ވިދާޅުވީ ދުނިޔޭގެ ފެންވަރަށް ފަރުމާކުރެވިފައިވާ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަންފީޛުކުރުމުގައި ޢެންމެ މުޙިއްމުކަމެއްކަމުގައި ދެކިވަޑައިގަންނަވަނީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ހުރިހާ މުވައްސަސާއެއްގެ ފަރާތްތަކުގެ ވިސްނުމާއި ފިކުރު އަދި ބުއްދި ޤާނޫނާ އެއްވަރަށް ތަރައްޤީކުރުން ކަމުގައެވެ. ކުއްޖަކު ކުށަށް ހުށަހެޅުމުގެ ކުރިން، ގުޅުންހުރި މުވައްސަސާތަކުން އެއްބާރުލުންދީގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެ ކުއްޖާ ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު ކުޑަވެގެންދާކަމަށާއި އެކަންކަން ކުރެވޭނީ މިހާރަށްވުރެ ބޮޑަށް ގުޅުންހުރި މުވައްސަސާތަކުން އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމުންކަމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިފަދަ ޖޮއިންޓް ތަމްރީން ޕްރޮގްރާމްތައް އިތުރަށް ހިންގުމުގެ މުޙިއްމުކަމަކީ އެކި މުވައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ނަޒަރިއްޔާތުން ޢަދުލުގެ ނިޒާމާ ގުޅުންހުރި ކަންތައްތައް ބައިވެރިންނާ ޚިއްސާކުރުންކަމަށާއި، އަސާސީ ތަމްރީނެއްގެ ގޮތުން މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ފެނިވަޑައިގަންނަވާކަމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މި ތަމްރީން ޕްރޮގްރާމްގެ ޢަލީގައި ބައިވެރިންނަށް ލިބެންޖެހޭ ޤާނޫނުން ތަޞައްވަރުކުރާ މިންވަރަށް މުޙިއްމު މަޢުލޫމާތައް ލިބިފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ވިސްނާއިރު، ބޮޑެތި މީހުންނަށް ކަންކުރާ އުޞޫލުން ކަންތައް ކުރުމުން ކުޑަކުދިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށް ފާހަގަ ކުރެއްވިފައިވާކަމަށާއި އެ ކުދިން އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމަށް ތަޖުރިބާ ކުރައްވަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުކުރެވުނު އިރު މިކަންކަމަށް ރިޔާޢަތް ކުރެވިފައިވާކަމަށާއި ދަޢުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ އިޖުރާއަތްތައް ބަޔާންކުރެވި، ކުޑަކުދިންނަކީ އެކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ކުދިންތަކެއް ކަމަށް ދެކިގެން ތައްޔާރުކުރެވިފައިވާ ޤާނޫނެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ ޒިންމާތަކަކީ މުޖްތަމަޢުގައި ކޮންމެހެން ނުގެންގުޅެވިދާނެ ޙާލަތަކަށް ކުއްޖާ ދާ ހިނދު، ޢެންމެ ފަހު މަރުޙަލާއަކަށް ގެންދަންޖެހޭ ތަނަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގްޓަރމް ސެކިއަރ ފެސިލިޓީކަމަށް ސީޕީ ފާހަގަކުރައްވައި، މިވަގުތު ލޯންގްޓަރމް ސެކިއަރ ފެސިލިޓީ ޤާއިމުކުރެވިފައި ނެތަސް، ދާދި އަވަހަށް މި ފެސިލިޓީ ޤާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނު ލާޒިމްކުރާ ބައެއް ޤަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސީޕީ ވިދާޅުވިއެވެ. މިހާރުވެސް އެމްސީއެސްގެ ބެލުމުގެ ދަށުގައި ކުޑަކުދިން އެބަ ތިބި ކަމަށާއި މަސައްކަތްތައް ބެކްލޮގްއަކުން ފަށައި ގަންނަންޖެހޭކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އެމްސީއެސްގެ މައްޗަށް ޤާނޫނުން ލާޒިމްކުރާ ޒިއްމާތަކަށް ބިނާކޮށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ތައްޔާރުކޮށް، މުވައްޒަފުން އަޙުލުވެރިކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ. އަދި ކުދިން ތަރުބިއްޔަތުކުރުމުގައި އާއި ރިހެބިލިޓޭޓްކުރުމުގައި ޢެންމެ މުޙިއްމު ސިފައަކީ ރަނގަޅު އާދަކާދައާއި އިސްލާމީ ރިވެތި އަޙްލާގަށް އަޙުލުވެރިވެ، ރީތި ނަމޫނާއެއް ދެއްކުންކަމަށާއި އޭގެ ސަބަބުން މި ކުރާ މަސައްކަތަށް އިތުރުކާމިޔާބީ ލިބިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަޠީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި ކުދިންނަކީ މި މުޖްތަމަޢުގައި ދިރިއުޅެމުންދާ ވަރަށް ނާޒުކު ފައްތަރެއްގައި ތިބި ކުދިންކަމަށާއި އެކުދިންގެ ޙަޔާތުގައި ތަޙައްމަލް ކުރަންޖެހޭ ހިތްދަތި އަދި އަނިޔާވެރި ތަޖުރިބާތަކުގެ ސަބަބުން އެކުދިންގެ ވިސްނުމާއި އަޙްލާގަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އަދި މިފަދަ ކުދިންގެ ތެރެއިން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވަންނަމުންދާ ކުދިން ގިނަ ވަމުންދާކަމަށައި މި ނިޒާމުގެ ތެރެއިން ދެވޭ އަޅާލުމާއި ހޯދައި ދެވޭ ފުރުޞަތުތަކާއި ފޯރުކޮށްދެވޭ އެހީތެރިކަމަކީ އެ ކުދިން ކާމިޔާބުކަމާއެކީގައި މުޖްތަމަޢުއަށް ބިނާކުރަނިވި ފަރުދުންގެ ގޮތުގައި ނިކުތުމަށް މަގުފަހިކޮށްދެވޭ ކަމެއްކަމުގައެވެ.
މި ތަމްރީން ޕްރޮގްރާމްގައި މަލްޓި-ސެކްޓޯރިއަލް ކޯޑިނޭޝަން އެންޑް ކޯޕަރޭޝަން، ކީ ޕްރިންސިޕަލްސް އޮފް ޖުވެނައިލް ޖަސްޓިސް ސިސްޓަމް، ޑައިވަރޝަން އަދި ރެސްޓޮރޭޓިވް ޖަސްޓިސްއާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.