އެމްސީއެސްއިން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނަކުރުން ހުއްޓުވުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  ޤާނޫނު ނަންބަރު 2014/16 ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މިއަދު ފަށައިފިއެވެ.

މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނަށް ޚާއްސަ ޕޯސްޓަރާއެކު މި ސެޝަންތައް އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.  

މި ސެޝަންތަކުގެ މަޤްޞަދަކީ މި ޤާނޫނުގެ ދަށުން މަތިކުރާ މަސްޢޫލިޔަތްތަކަށް އޮފިސަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުމެވެ. މި ސެޝަންތަކުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ޢަމަލުތަކަކީ ކޮބައިކަމާއި މިފަދަ މައްސަލަތައް ކޮމިޓީއަށް ހުށަހެޅޭނެ ގޮތްތަކާއި މައްސަލަތައް ކޮމިޓީއިން ބަލާނެ ގޮތްތަކާއި މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް އޮފިސަރުންނާއި މުވައްޒަފުންނަށް ކިޔާދެވޭނެއެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ޢަމަލުތަކަކީ މި ސަރވިސްއިން ޒީރޯ ޓޮލަރެންސް ދީގެން ބަލާނެ މައްސަލަތަކެއް ކަމުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމާބެހޭ ކޮމިޓީން ވަނީ ބަޔާންކޮށްފައެވެ.