މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރިޒަން އޮފިސަރުންނަށް ހިންގި “ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް” ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުމެވެ. މިގޮތުން މިފަދަ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ވަނީ ޤާއިމްކޮށްފައެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއްކަމުގައެވެ. ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓްކުރަމުންދާކަމަށާއި، ޖަލު ބަލަހައްޓާ ފަރާތުގެ ހައިޞިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސްއިން ހުށިޔާރު ވާންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް މުޙާތަބްކުރައްވާ ކޮމޝަނަރ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތު މާޙައުލުގައި މި ޓްރޭނިންގ އިން ލިބުނު ޢިލްމުގެ ޢަލީގައި، މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެމެރިކާގެ ޖަސްޓިސް ޑިޕަރޓްމަންޓަށް ޝުކުރު އަދާ ކުރައްވަމުން ސީޕީ ވިދާޅުވީ މުސްތަޤްބަލުގައިވެސް މިފަދަ މުޙިއްމު ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޢުންމީދު ކުރައްވާކަމަށެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވި އެމެރިކާގެ ޑިޕަރޓްމަންޓް އޮފް ޖަސްޓިސްގެ އިންޓަނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓަޕް) ގެ ކޮންސަލްޓަންޓްކަމަށްވާ މރ. މައިކް ޕަނެކް ވިދާޅުވީ ދަސްވި އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަދި ހަރުކަށި ފިކުރުގެ ފަރާތްތައް ރިހެބިލިޓޭޓްކޮށް ބަދަލުކުރުވުމަކީ މިކަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.