މާފުށީ ޖަލުގައި ބޭނުންކުރަމުންދިޔަ ކޯޓް ރޫމްތައް 05 ށް އިތުރުކޮށް، ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކޮށްފި

މާފުށީ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ 03 ކޯޓް ރޫމްގެ އަދަދު 05 ށް އިތުރުކޮށް، މިއަދު ބޭނުންކުރަން ފަށައިފިވެ.

މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ ގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

މި ކޯޓް ރޫމްތައް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ މަޤްޞަދަކީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ޙާލަތުގައި ޝަރީޢަތް ބޭއްވުމުގައި އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުމެވެ. މިގޮތުން މި ކޯޓް ރޫމްތައް ބޭނުންކުރަން ފެށުމުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެއެވެ. މިގޮތުން 13 ފެބަރުވަރީ 2022 ވަނަ ދުވަހު މާލެ ޖަލުގައި ރަސްމީކޮށް 03 ކޯޓް ރޫމް ވަނީ ބޭނުންކުރައްފަށާފައެވެ.

މި 05 ކޯޓް ރޫމްތަކުގެ ސަބަބުން ދުވާލަކަށް 25 ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެއެވެ.