އެމްސީއެސްއިން ޕެރޯލް ދޭ ޤައިދީންނަށް ކުރިއަށް ގެންދާ “ފަހި ފުރުޞަތު” ފޮރޮގްރާމް ފުޅާކުރުމުގެ ގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން ރިހެބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާހުރި، ރަނގަޅު މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޕެރޯލް ފުރުޞަތުގެ ދަށުން މުޖްތަމަޢުއަށް ދޫކުރާ ފަރާތްތަކަށް “ފަހި ފުރުޞަތު” ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަރންޝިޕް ޕްރޮގަރާމް ފުޅާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާއެކު ފަހުމްނާމާއެއްގައި (އެމްއޯޔޫ) މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމްނާމާގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ މާފުށީ ޖަލުގައި ޤައިދީންނަށް ހިންގާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައެވެ. މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން މި ފަހުމްނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މި ފަހުމްނާމާގައި ސޮއިކުރައްވާފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަސަން ސައީދުއެވެ.

މި ފަހުމްނާމާގެ މުއްދަތަކީ 12 މަސްދުވަހެވެ.

މި ފަހުމްނާމާގެ ދަށުން “ފަހި ފުރުޞަތު” ޕްރޮގްރާމް މެދުވެރިކޮށް އެމްސީއެސްގެ ޖަލުތަކުގައި ހުކުމްތަންފީޒުކުރަމުންދާ ޤައިދީންގެ ތެރެއިން އުޅުން އެންމެ ރަނގަޅު، މުޖްތަމައުއަށް އެ ޤައިދީންގެ ފަރާތުން ގެއްލުން ނުލިބޭނެކަމަށް ޔަގީންވާ ޤައިދީން، އާރްޑީސީއިން ޙަވާލުކުރާ މަސައްކަތްތައް ކުރުމުން އެލަވަންސް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް އެ ކުންފުނިން ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިގޮތުން އޮކްޓޯބަރު 2020 ގައި އިފްތިތާހުކުރެވުނު “ފަހި ފުރުޞަތު” ގެ ދަށުން، ސްޓެލްކޯގައި ޕެރޯލް ފުރުޞަތު ލިބިފައިވާ ފަރާތްތައް މަސައްކަތްކުރަމުންދެއެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ ދާއިމީ ވަޒީފާ ލިބިފައެވެ.