މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.
މިއަދު އެ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. ޝަރަފްވެރި މެހެމާނުގެ އިތުރުން، މިނިސްޓަރ އޮފް ޙެލްތް އޮނަރަބަލް އަޙްމަދު ނަސީމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލްފާޟިލް ޢަލީ ނަޒީރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލްފާޟިލް މުޙައްމަދު މާހިރު އީސާ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްގެ އިތުރުން ނެޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން އަލްފާޟިލް ޝަމާއު ޝަރީފް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ހަސަން ސައީދު އަދި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މިއަދު އިފްތިތާޙް ކުރެވުނު ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މި ފަށަނީ މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއެކުގައެވެ.
މިއަދު އިފްތިތާޙް މިކުރެވުނު ޕްރޮގްރާމް އެކުލެވިގެންވަނީ 4 މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާއަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާއެވެ. ދެވަނަ ވަނަ މަރުހަލާއަކީ ރީހެބިލިޓޭޝަން މަރުޙަލާއެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެއެވެ. ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމަޢަށް ނެރުމުގެ ކުރިން މުޖްތަމަޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމަޢުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނެރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. އަދި ހަތަރު ވަނަ މަރުޙަލާއަކީ އަފްޓަރ ކެއަރ ސަރވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރޭ ފަރާތްތައް މޮނިޓަރ ކުރާ މަރުހާލާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދަކީ ޤާނޫން ނަމްބަރު 17/2011 ގެ ދަށުން ޖަލުގައި ބަންދުކުރެވޭ މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހޭ މީހުންނަށް ލާޒިމްކޮށްފައިވާ ކުރުން ފުރަތަމަ ފަހަރަށް ފަށައިގެން ދުވަސްކަމުގައެވެ. މި މަސައްކަތް މިހާ ހިސާބަށް އައި ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމުގައި އާއި މިއަދު މި ފެށޭ ޕްރޮގްރާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަބާގެ ޙައްލަށް އެޅޭ އުސް ފިޔަވަޅެއްކަމުގައި ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މި ފެށޭ ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ ޢާއިލާއަކަށްހެން ކުރާނެކަމަށެވެ. އަދި ޖަލުގައި ކަސްތަޅު އެޅުވި ބިކަވެ މާޔޫސްވެފައިވާ، ޢާއިލާއާއެކު އުފާވެރި ޙަޔާތެއް ލިބިދާނެކަން ތަޞައްވަރުނުކުރާ އެތައް ޒުވާނަކަށް މި ޕްރޮގްރާމްގެ ސަބަބުން، އެ ޒުވާނުންގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ޙެލްތް އޮނަރަބަލް އަޙްމަދު ނަސީމް ވިދާޅުވީ މިއަދު މި ފެށޭ ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް ރާއްޖޭގައި ކުރެވޭ ޢެންމެ އިންގިލާބީ އެއް މަސައްކަތްކަމުގައެވެ. އަދި މިއަހަރުގެ ދެވަނަ ކުއަރޓަރގައި ބޭރުގެ ޤައުމުތަކުން ލިބޭ އެހީގެ ސަބަބުން ޚާއްސަ މީހުން ޖަލުގައި މި ފެށޭ ޕްރޮގްރާމްގައި ބައިވެރިކުރެވި، އެ ޕްރޮގްރާމަށް ފުރިހަމަ ކުރިއެރުމެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. ކުރި ދިރާސާއަކާ ގުޅިގެން، ރިހެބިލިޓޭޝަން ޕްރޮގަރާމްތައް ރާއްޖޭގައި ފަށައި، 186 ފެސިލިޓީގައި މިކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ، ކުދިންގެ އިތުރުން މުޅި މުޖްތަމަޢު ޑްރަގް ރިހެބިލިޓޭޝަނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ގެ ވާހަކަފުޅުގައި މިފަދަ ރަސްމިއްޔާތެއް ބޭއްވުމާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މިނިސްޓްރީ އޮފް ޙެލްތްގެ އެހީތެރިކަމާއިއެކު އެންޑީއޭ އާ އެއްކޮށް މަޝްވަރާކޮށް ފަހުމްނާމާއެއްގައި ސޮއިކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި ޖަލަށް ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ވަރކިންގ ގްރޫޕެއް އެކުލަވާލައި، ޖަލުގައި މިކަން ކުރިއަށް ގެންދާނެ ޢެންމެ ރަނގަޅުގޮތުގެ ދިރާސާއެއް ކުރިއަށްގެންގޮސް، ފާހަގަކުރެވުނު ބައެއް ކަންތައްތައް ނިޒާމީ ގޮތުން އުފައްދައި، ޤާނޫނުގައި ބަޔާންކުރާފަދަ ޑިޓޮކްސިފިކޭޝަން މަރުކަޒެއް ޤާއިމުކުރުމަށް، މެޑިކަލް ސެންޓަރަށް ބޭނުންވި ބަދަލު ގެނެސް، ބޭނުންވާ އިކްވިޕްމަންޓާއި ބޭސް ހޯދައި، ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމުގެ ގޮތުން ޚާއްސަ އެސްއޯޕީ އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ. ކޮމިޝަނަރ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ރިހެބިލިޓޭޝަންގެ ފޭސް 2 ގައި ކުރިއަށްގެންދާ ލައިފްސްކިލްސް އަދި ދީނީ ޕްރޮގްރާމްތަކުގެ ބަދަލުގައި، ޚާއްސަ 5 ދާއިރާއެއް ކަނޑައަޅައި، ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޑީރެޑިކަލައިޒޭޝަން ޕްރޮގްރާމަކާއި ސެކްސް އޮފެންޑަރ ޕްރޮގްރާމަކާއި ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ކުދި ކުށްތައް ކުރާ މީހުންނަށް ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމް ޑިޒައިން ކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ޢަލީގައި ދީނީ ސެޝަންތަކާއި ލައިފް ސްކިލްސްގެ އިތުރުން ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރު ދަސްކޮށްދެވިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި އެމްސީއެސްގެ ހުރިހާ ވަޞީލަތްތަކެއް ބޭނުންކުރައްވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ތަފާތު ފަންނީ ދާއިރާތަކުގެ މުވައްޒަފުން އެމްސީއެސްގައި މަދު ކަން ފާހަގަކުރައްވައި، މިއަހަރު ތެރޭގައި ކައުންސެލަރުންނާއި ސޯޝަލް ވޯކަރުންނާއި ކޭސް ވޯކަރުންނާއި އެހެނިހެން ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިވަގުތު މި ޚިދުމަތްތައް ހޯދުމުގައި ގުޅުންހުރި ދާއިރާތަކާއެކީގައި މަޝްވަރާ ކުރައްވަމުންދާކަމަށާއި މި ޕްރޮގްރާމް ކުރިއަށްދާ މިންވަރުން މި ފަންނު ތަކުގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ގުޅުންހުރި ދާއިރާތަކުން ލިބެމުންދާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ވިދާޅުވިއެވެ. އަދި ޖަލުގައި މިވަގުތު ޤާއިމުކުރެވިފައި ހުރި ވަޞީލަތްތައް މިފަދަ ޕްރޮގްރާމެއް ހިންގުމަށްޓަކައި ޖަލުގެ މުޅި އާބާދީއަށް ބަލާއިރު ނިސްބަތުން ކުޑަ ކަމަށާއި މިކަން ފުޅާކުރުމަށްޓަކައި މާފުށީ ޖަލުގައި ޚާއްސަ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށާއި މި އިމާރާތް ޤާއިމުކުރެވުމުން، މިހާރުގެ މާފުށީ ޖަލުގެ އާބާދީގެ 50 އިން ސައްތަ އެކަމަޑޭޓްކުރެވޭ ވަރުގެ އުމްރާނީ ވަޞީލަތްތައް ލިބިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ. މިފަދަ މަސައްކަތެއް ކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ސީޕީ ވިދާޅުވެ، ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި މަދަދު ލިބެމުންދާކަމަށް އުފަލާއެކު ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއާއި މިނިސްޓަރީ އޮފް އިސްލާމިކް އެފެއަރޒް އާއި މިނިސްޓްރީ އޮފް ޙެލްތްއިން ދެއްވާ އެއްބާރުކުން ފާހަގަކުރައްވައި އެ ފަރާތްތަކަށް އިޙްލާސްތެރިކަމާއެކު ޝުކުރުދެންނެވިއެވެ.