އެމްސީއެސްއިން އައިޖީއެމްއެޗްއާއެކު ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާބެހޭ ފަހުމްނާމާގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކެ ފަހުމްނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމްނާމާގައި އެމްސީއެސްގެ ފަރާތުން  ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް އިބްރާހިމް ސަލީމްއެވެ. މި ފަހުމްނާމާގެ މުއްދަތަކީ 01 އަހަރެވެ.

ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، އެ ފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމަކެވެ. މިގޮތުން މި ފަހުމްނާމާގައި ސޮއިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޢާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުންހުރި ސްޕެލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްޙީ ފަރުވާ ފޯރުކޮށްދިނުމެވެ.

މި ފަހުމްނާމާގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި، ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

މިފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ޤައިދީންނާއި ބަންދުމީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އަދި ކޯވިޑް-19 ގެ މި ޙާލަތުގައި އެމްސީއެސްގެ އަމާޒަކީ ޤައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުމެވެ.