ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ދަސްވެނިވުން ބާއްވައިފި

ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިން ވަނަ ބެޗް ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ރަސްމީކޮށް ފަށާފައިވަނީ 2021 ޖަނަވަރީ 10 ގައެވެ. މި ކޯހުގެ ތިން ވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ވަނީ ބައިވެރިވެފައިވާއިރު، މި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 14 މުވައްޒަފުންނެވެ. އެކި ސަބަބުތަކާ ގުޅިގެން ހަ ދަރިވަރަކު ވަނީ މި ކޯހުން ވަކިވެފައެވެ.

މި ކޯހުގެ ދަސްވެނިވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. ޝަރަފްވެރި މެހެމާނުގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އަދި ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވުނު މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މި ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މިއީ ރާއްޖޭގައި ހިންގޭ މިޒާތުގެ ފުރަތަމަ ކޯހެވެ.

ރޭ ގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ ދަސްވެނިންނާ މުޙާތަބުކުރައްވާ ވިދާޅުވީ އިންސާނުގެ ޙަޔާތުގައި ލިބޭ ޢެންމެ ބޮޑު އެއް ކާމިޔާބާއި ކުރިއެރުމަކީ ޢިލްމުގެ މަރުޙަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުޞަތުތައް ކަމުގައިއެވެ. ޢިލްމާ ގުޅުން ހުރި މިސާލެއްގެ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓްއިން ޑިޕްލޮމާ ހާޞިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް ޢެންމެ މުޙިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާކަމަށާއި ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމަޢުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުޙިއްމު މަސައްކަތަށް އެޅޭ މުޙިއްމު ފިޔަވަޅެއް ކަމުގައި އަދި މި ކަމަށް ޢިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށާއި އެކަން ކުރުމަށް ތިބީ އެމްސީއެސްގެ ޢެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ޢިލްމުގެ މުޙިއްމުކަމަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޢިލްމު އުނގެނުމުގެ ސަބަބުން ކާމިޔާބީ ލިބިގެންދިއުމުގެ އިތުރުން ދެ ދުނިޔޭގެ މަތިވެރިކަމާއި ޝަރަފާއި ޢިއްޒަތް ލިބޭނެކަމަށެވެ. އަދި މި ކޯހުގެ ކުރީގެ ދެ ބެޗާއަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރައްވައި، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިން ސައްތަ އިތުރުކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދެއްވިއެވެ.

ދަސްވެނިންނަށް ޝުކުރާއި މަރުހަބާ ދަންނަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ފާހަގަކުރެއްވީ ކޯވިޑް-19 ގެ ޙާލަތުގައިވެސް ކޯހުގެ މުއްދަތުގައި މި ކޯސް ނިންމިކަމެވެ. މުވައްސަސާއެއްގެ ޙަޔާތުގައި އެ މުވައްސަސާގެ ކެޕޭސިޓީއަށް ބަލާއިރު، ޢިލްމީ، ހުނަރުވެރި ބަޔަކު ތިބުމަކީ އެ މުވައްސަސާއަކަށް އާކަން ލިބިގެންދާ ކަމައްކަމަށާއި އޭގެ ސަބަބުން ކޮމިޝަނަރގެ ހިތްޕުޅަށް އުފާވެރިކަން އިޙްސާސްކުރެވޭކަމަށް ވިދާޅުވިއެވެ. އަދި ޢެންމެ އެދެވޭ ގޮތުގައި މި ކޯސް ކުރިއަށް ނުގެންދެވުނު ނަމަވެސް ދިމާވެފައިވާ ދަތިތަކާއި ޙާލަތާއެކުގައިވެސް 14 ދަރިވަރުން މި ކޯހުން ދަސްވެނިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ފާހަގަކުރައްވައި، އައިކޯސްޓއިން ކޮށްދެއްވާ އަގުހުރި މަސައްކަތަށާއި އެމްސީއެސްގެ އެކި ރޮނގުތަކުން މަތީ ތަޢުލީމް ހާޞިލުކުރައްވައިގެން ތިބި ފަންނީ މުވައްޒަފުންގެ ތެރެއިން މި ކޯހުގެ މުދައްރިބުންނަށް ކޮމިޝަނަރ ޝުކުރުއަދާކުރެއްވިއެވެ. ކުރީގެ މެނޭޖްމަންޓްއިން އައިކޯސްޓްގެ މަސައްކަތްތައް ރާވާފައިވާ ގޮތަށް އަލިއަޅުއްވާލައި ވިދާޅުވީ އޭގެ ސަބަބުން މިހާރު އައިކޯސްޓްގައި ތަޢުލީމީ އަދި ޤާބިލް 10 މުވައްޒަފުން ތިބި ކަމަށާއި، ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުޞަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މަދު މުވައްޒަފުންކޮޅަކާއެކު ކުރަމުންދާ ބުރަ މަސައްކަތަށް ކޮމިޝަނަރ ޝުކުރުއަދާކުރެއްވިއެވެ. އަދި އެމްސީއެސްގެ ކެޕޭސިޓީ ބިލޑިންގއަށް ތަޢުލީމުގެ މުޙިއްމުކަމަށް އަލިއަޅުއްވާލައްވައި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކުރުމާބެހޭގޮތުން ވާހަކަދައްކަވަމުން ފާހަގަކުރެއްވީ މިހާރުވެސް 28 އިން ސައްތަ ގްރެޖުއޭޓުންނާއި އެކި ސެޓްފިކެޓްގެ އެކި ލެވެލް ހަދާފައިވާ 62 އިން ސައްތަ މުވައްޒަފުންނާއި 10 އިން ސައްތަ  އޯލެވެލް ފެންވަރުގެ މުވައްޒަފުން އެމްސީއެސްގައި މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެމްސީއެސްގެ އަމާޒަކީ ހަރުދަނާ އެޑިއުކޭޝަނަލް ޕޮލިސީއެއް ތަންފީޛުކޮށް، 2025 ވަނަ އަހަރާހަމައަށް 50-60 އިން ސައްތަ ގްރޭޖުއޭޓުންނަށް އިތުރުކުރުން ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

މިކޯސް ފުރިހަމަކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ  ސެޓްފިކެޓެއް ލިބިގެންދާނެއެވެ. މި ކޯހުގައި ކިޔަވާދެއްވާފައިވަނީ ކަރެކްޝަނަލް މެނޭޖްމަންޓްގެ އެކި ދާއިރާތަކާ ގުޅުންހުރި ބެޗްލަރސް ޑިގްރީއިން މަތި ހާޞިލްކޮށްފައިވާ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ މުވައްޒަފުންނެވެ.