އައްސޭރި ޖަލުގެ ޤައިދީންނަށް ޚާއްސަ މެޑިކަލް ކޭމްޕެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގައި ބަންދުކޮށްފައިތިބި ޤައިދީންނަށް ޚާއްސަ މެޑިކަލް ކޭމްޕެއް މިއަދު ހިންގައިފިއެވެ.

ކ. ހިންމަފުށީ ހެލްތް ސެންޓަރާއި ކ. މާފުށީ ހެލްތް ސެންޓަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ކޭމްޕް އިންތިޒާމްކޮށްފައިވަނީ އައްސޭރި ޖަލުންނާއި ކ. ހިންމަފުށީ ކައުންސިލުންނެވެ.

ޤައިދީން ބޭސްފަރުވާ ފޯރުކޮށްދިނުމާއި އެހެނިހެން ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޮޑެތި ތަކުލީފާއި ޚަރަދު ހޭދަވާތީ، މި ކޭމްޕް ބޭއްވުމުގެ މަޤްޞަދަކީ އެ ފަރާތްތަކަށް ޖަލުގައި ތިބިގެން ސިއްޙީ ފަރުވާ ފޯރުކޮށްދިނުމެވެ. އަދި ޤައިދީންގެ އިތުރުން ހިންމަފުށީގެ ރައްޔިތުންނަށްވެސް މި ކޭމްޕް މެދުވެރިކޮށް ފަރުވާ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮތުން މި ކޭމްޕްގައި ހަމުގެ، އެތެރެހަށީގެ އަދި ދަތުގެ މައްސަލަތައް ހުރި 20 ޤައިދީންނަށް ވަނީ އެކަންކަމުގެ ސްޕެޝަލިސްޓުން މެދުވެރިކޮށް ފަރުވާ ފޯރުކޮށްދީފައެވެ.

ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި މާފުށީ ހެލްތް ސެންޓަރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދެމުންގެންދާ އެހީތެރިކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ.