ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފަށަނީ

ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ގޮތުން، އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އައިމަން އާދަމްއެވެ.

މި ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ މުއްދަތަކީ ތިން (03) މަސް ދުވަހެވެ. އަދި މި މުއްދަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭނެއެވެ. އަދި ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ޙާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމްވަނީ ހަމަޖެހިފައެވެ.

މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނެވެ. މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެއެވެ. އަދި މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެކެވެ.