މާލޭ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ 03 ކޯޓް ރޫމް މިއަދު ބޭނުންކުރަން ފަށައިފިވެ.
މިއަދު މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، މާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ތޮލާލް، ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ ވާހަކަފުޅުގައި ވިދާޅުވީ “މާލޭ ޖަލުގައި މިއަދު ބޭނުންކުރަން ފެށުނު 03 ކޯޓް ރޫމަކީ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ކޯވިޑް-19ގެ ބަލިމަޑު ކަމާއެކީގައި އަޅުގަނޑުމެންގެ ގިނަ މަސައްކަތްތަކެއް އޮންލައިންކުރަން މަޖްބޫރުކުރަންޖެހިފައިވާ ވުމާއެކު، ޚާއްސަކޮށް ރާއްޖެކަހަލަ ޤައުމެއްގައި އެކިއެކި ތަންތާނގައި ތިބެގެން ޝަރީޢަތް ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އަޅުގަނޑުމެން ވާނީ ގިނަ މަސައްކަތްތަކެއް މިދަޔަ އަހަރުވެސް ކޮށްފައި.”
އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ކަމަށާއި މިއަދުވެސް 298 މީހުން ބަންދުކުރަން ޖެހިފައިވާކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މީގެ ތެރެއިން 80 އެތަށް މައްސަލައަކީ މެޖިސްޓްރޭޓް އަދި އަތޮޅުތަކާ ގުޅޭ މައްސަލަތައް ކަމަށާއި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމެއްކަމަށާއި މި ކޯޓް ރޫމްތަކުގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މާލޭ ޖަލުގެ ޑައިރެކްޓަރ ޑީއެސްޕީ އަލްއުސްތާޛް މުޙައްމަދު ތޮލާލް ވިދާޅުވީ މީގެ ކުރިން އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުމަށް ވަކިން ތަނެއް ޚާއްސަކުރެވިފައި ނުވާކަމަށާއި މީގެ ކުރިން އެކަމަށް ބޭނުންކުރަމުން އައީ މީޓިންގ ރޫމް، ލޯޔަރ އަދި ފެމިލީ ވިސިޓިންގ ރޫމްތައް ކަމުގައެވެ. މިވަތުގުވެސް ޝަރީޢަތުން ވަކި ގޮތެއް ނިމެންދެން މާލޭ ޖަލުގައި 131 މީހުން ބަންދުކުރެވިފައިވާކަމަށާއި މިއަދަދަކީ ބޮޑު އަދަދެއް ކަމަށް ޑީއެސްޕީ އަލްއުސްތާޛް ތޮލާލް ވިދާޅުވިއެވެ. އަދި ޤައިދީންނާއި ބަންދުމީހުންގެ ގިނަ ޝަކުވާއަކީ ޝަރީޢަތް ދިގުލައިގެން ދިއުންކަމަށާއި މި ކޯޓް ރޫމްތަކުގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ޑީއެސްޕީ އަލްއުސްތާޛް ތޮލާލް ވިދާޅުވިއެވެ.