ކްލަބް މޯލްޑިވްސް ކަޕް 2021: ޕްރިޒަން ކްލަބް ސެމީ ފައިނަލަށް!

ކްލަބް މޯލްޑިވްސް ކަޕް 2021 ގައި ރޭ ކުޅުނު ކުއަރޓަރ ފައިނަލް މެޗްގައި އެމްއޭސީއެލް ބަލިކޮށް، ޕްރިޒަން ކްލަބް ސެމީ ފައިނަލްއަށް ދަތުރުކޮށްފިއެވެ.

ހުޅުމާލޭގެ ރެހެންދީ ޓަރފް ދަނޑުގައި ކުޅުނު މެޗްގައި އެމްއޭސީއެލްގެ މައްޗަށް ކުރިހޯދީ 2-2 އަކުން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި އެމްސީއެލްއިން މޮޅު ކުޅުމެއް ދައްކައި، ޕްރިޒަން ކްލަބްގެ މައްޗަށް 2 ލަނޑުގެ ކުރިއެއް ހޯދިއެވެ. ދެވަނަ ހާފްގައި ދެ ޓީމުންވެސް މޮޅު އަދި ވާދަވެރި ކުޅުމެއް ދައްކައި، މެޗްގެ ފަހު 3 މިނެޓް ތެރޭގައި ފަހަތުން އަރައި ޕްރިޒަން ކްލަބްއިން 2 ލަނޑު ޖަހައި، އެއްވަރުކުރިއެވެ.  ޕްރިޒަން ކްލަބްގެ 2 ލަނޑު ކާމިޔާބުކުރީ އާދަމް މަންޞޫރު (ޖަރޒީ ނަންބަރު 23) އާއި ސަނީމް ޝާމިލް (ޖަރޒީ ނަންބަރު 13) އެވެ.

ޕެނަލްޓީއާ ހަމައަށް ގޮސް ޕްރިޒަން ކްލަބުން 5 ޕެނަލްޓީ ކާމިޔާބުކުރިއިރު، އެމްއޭސީއެލްގެ އެއް ޕެނަލްޓީ ވަނީ ޕްރިޒަން ކްލަބްގެ ގޯލް ކީޕަރ ޢަބްދުﷲ ސާމިން ސަލާމަތްކޮށްފައެވެ. މެޗު ނިމުނު އިރު ނަތީޖާއަކީ 7-6 އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރިޒަން ކްލަބްގެ އާދަމް މަންޞޫރު (ޖަރޒީ ނަންބަރު 23)އެވެ.

ސެމީ ފައިނަލްގައި ޕްރިޒަން ކަލްބް ކުރިމަތިލާނީ އެފްއެސްއެމްއާއެވެ.