އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޕްރިސްކޯއިން ސޮލަރެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސިއްޚީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، ސޮލަރެލް އިންޝުއަރަންސް ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ޕްރިސްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިސްކޯގެ ޗެއަރމަންގެ ހައިޞިއްޔަތުން ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އެވެ. އަދި ސޮލަރެލް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ކޮމްޕްލަޔަންސް އަލްފާޟިލާ މަރިޔަމް ސައިމާއެވެ.

މި އެއްބަސްވުމުގެ ދަށުން ސޮލަރެލްގެ މެޑިކަލް ސްކީމް މެދުވެރިކޮށް އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުން އަދި ޢާއިލާތަކަށް ވަކި ހޮސްޕިޓަލް އަދި ކްލިނިކްތަކަކުން ބޭސް ފަރުވާގެ ޚިދުމަތް ހޯދުމުގައި ވަކި އަދަދެއް ހަމަވަންދެން 90 އިން ސައްތަ ކަވަރޭޖް ލިބޭނެއެވެ. މިގޮތުން ޢާއިލާގެ ތެރޭގައި ހިމެނެނީ އަނބިން/ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިނެވެ.

މި މެޑިކަލް ސްކީމްގެ ސަބަބުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ސިއްޚީ ޚިދުމަތް ހޯދުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެވެ.