ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަލީ ނަޒީރުއެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް  އަހްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި މާފުށީ ޖަލުގެ ޑިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ސީނިއަރ މެނޭޖްމަންޓް ގެ އިތުރުން ދައުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ.

މި ރަސްމިއްޔާތުގައި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ކަމުގައިވާ ޤިރާއަތު ކޯސް ލެވެލް 1، 2 އަދި ޑިޕްލޮމާ، ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން، ސެޓްފިކެޓް 2 އިން އެސެންޝަލް އެގްރިކަލްޗަރ، ސެޓްފިކެޓް 1 އިން ހައުސް ވައިރިންގ އެންޑް އިލެކްޓްރިޝަން ގެ އިތުރުން އެސް.އެސް.ސީ އަދި އޯ ލެވެލް ނިންމި ޤައިދީންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. މިގޮތުން ޖުމްލަ 44 ޤައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާ ވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 24 ޤައިދީންނަށެވެ. މީގެ ތެރެއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި 11 ޤައިދީންނަށް ޝަރަފްވެރި މެހެމާން ވަނީ މެޑަލް ޙަވާލުކޮށްފައެވެ. މީގެ އިތުރުން މި ޕްރޮގްރާމްތަކުގައި ކިޔަވާދެއްވި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި އެމްސީއެސްގެ ފެސިލިޓޭޓަރުންނަށް އަގު ވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން އަލްފާޟިލް ޢަލީ ނަޒީރު ޕްރޮގްރާމްގެ ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން ފާހަގަކުރެއްވީ ޢާއިލާއާއި ޢާއިލާގެ އެހީތެރިކަމާއި ލޯބި ނުލިބޭ ހިސާބެއްގައި ޖަލުގެ ބެލުމުގެ ދަށުގައި ބަންދުވެ ތިބެގެން ޢިލްމެއް، ހުނަރެއް ދަސްކުރުމަކީ ކުޑަކަމެއް ނޫންކަމަށެވެ. އަދި ޕްރޮގްރާމްތަކުން ދަސްވެނިވި ފަރާތްތަކުން ކުރެއްވި ހިތްވަރު ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަލަށް މީހުން އަންނަނީ އިޖުތިމާއީ އެކި މަސައްލަތަކާ ގުޅިގެން ކަމަށާ، މިއަދު ދަސްވެނިވި ފަރާތްތަކުން ޙާޞިލުކުރި ޢިލްމާއި ދަސްކުރި ހުނަރާ އެކީގައި ޖަލުގެ ދޮރުން މުޖްތަމަޢުއަށް ނިކުތުމަށްފަހު އެނބުރި ޖަލަށް ނާންނާނެ ގޮތަށް މަސައްކަތް ކުރައްވާނެކަން ޔަޤީންކުރައްވަން ބޭނުންފުޅުވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ސަރަޚައްދީ ގޮތުން ބަލާއިރު ރާއްޖޭގައި ރީ-އޮފެންޑް ކުރާ ނިސްބަތް ގިނަކަން ފާހަގަކުރައްވައި، ދަސްވެނިންނަށް ބާރު އެޅުއްވީ ޖަލުގައި ޙުކުމް ތަންފީޛުކުރުމުގެ މަރުހަލާގައި ހޭދަކުރާ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި، މުޖްތަމަޢު އަދި ޢާއިލާއަށް ފައިދާހުރި މެންބަރެއްގެ ހައިޞިއްޔަތުން ޢަމަލާއި ވިސްނުމާއި ފިކުރު ބަދަލުކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި  ކުށްވެރިން އިސްލާހުކުރުމަށާއި ރީއޮފެންޑިންގ މަދުކުރުމަށް ސަރުކާރުގެ ގުޅުންހުރި އޭޖެންސީތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް  އަހްމަދު މުޙައްމަދުފުޅު ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރެއްވީތީ  ދަސްވެނިންނަށް ޝުކުރުދެންނެވިއެވެ. ކޮމިޝަނަރގެ ވާހަކަފުޅުގައި ޖަލު ހިންގުމުގެ އެންމެ މައިގަނޑު މަގްޞަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުންކަން ފާހަގަކުރެއްވިއެވެ. އެކަމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގައި ހިންގާ އެކި ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށް، އޭގެ ހެޔޮގޮތުގައި ބޭނުންހިފައި، ޢަމަލީ މައިދާނުގައި އެ ޢިލްމުގެ ބޭނުންހިފާތަން ފެނުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ޢިލްމު އުނގެނުމަކީ ވަކި އުމުރަކަށް، ވަކި ފަންނަކަށް އަދި ވަކި މީހަކަށް އޮންނަކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްތަކަށްފަހު ޢިލްމު އުނގެނުން ހުއްޓާނުލައި، އަމިއްލަ ފަރުދެއްގެ ގޮތުން ތަޢުލީމީ ރޮނގުން ކުރިއެރެން އޮތްގޮތްތައް ބަލައި އެކަން ހާޞިލްކުރުމަށް މަސައްކަތްކުރުމަށް ދަސްވެނިންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

ސަރުކާރުން ޖަލުގެ ނިޒާމް ހިންގުން ހަރުދަނާކުރުމުގެ ގޮތުން އިސްކަންދެއްވާ ދެ ސިޔާސަތަކަށް އަލި އަޅުއްވާލައްވައި، ސީޕީ ވިދާޅުވީ ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސަރވިސްފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ. ކޯވިޑް-19 އާ ގުޅިގެން ރޭވިފައިވާ ކަންތައްތައް އެ ތަރުތީބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، މާފުށީ ޖަލުގައިއާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިން ސައްތައަށް ވުރެ ގިނަ ޤައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ޕިޒިކަލް އިންފްރާސްޓަރަކްޗަރ ޖަލުގައި ޤާއިމުކުރެވިގެންދާނެކަމަށާއި އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވެދެއްވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވާ ކޮމިޝަނަރ އަދި މުވައްސަސާގެ ނަމުގައި ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.