33 ޤައިދީންނާއެކު ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ 2 ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިސްލާހުކޮށް، ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ދެވަނަ ފޭސް ގެ ދެ ބެޗެއް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

03 މަހަށް ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 2 ގެ 14 ވަނަ ބެޗްގައި 12 ޤައިދީން ބައިވެރިވެފައިވާއިރު، ބެޗް 15 ގައި  20 ޤައިދީން ވަނީ ބައިވެރިވެފައެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ޤައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާއި އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާއި “އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ. މިގޮތުން ދެވަނަ ފޭސްގައި ހިމެނެނީ “ސައިކޮލޮޖީ ޕްރޮގްރާމް” ތަކެވެ. މި ފޭސްގެ މަޤްޞަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމެވެ. އެގޮތުން ސައިކޮލޮޖީ ޕްރޮގްރާމްތަކުގެ ތެރޭގައި ކުށުގެ ވެށިން ދުރުހެލިވުމަށް ބާރުއަޅާ ޕްރޮގްރާމްތަކާއި ދީނީ ޕްރޮގްރާމްތަކާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.