ޕެރޯލް ބޯޑަށް އަލަށް ޢައްޔަނުކުރެއްވި މެންބަރުންނާ ކޮމިޝަނަރ އޮފް ޕްރިޒަންސް ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޕެރޯލް ބޯޑުގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގެ ބޭނުމަކީ ޕެރޯލް ބޯޑުގެ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން ޕެރޯލް ބޯޑަށް ރައީސުމްޖުމްހޫރިއްޔާ އަލަށް ޢައްޔަނުކުރެއްވި ތިން މެންބަރުންނާ ބައްދަލުކޮށް ތަޢާރަފްވެލެއްވުމަށާއި ބޯޑުން އަލަށް ޢައްޔަނުކުރެއްވި ޗެއަރޕަރސަން އާއި ވައިސް ޗެއަރ ޕަރސަންއަށް މަރުހަބާ ދެންނެވުމެވެ. މި ބައްދަލުވުމުގައި ޕެރޯލްގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި ޕެރޯލް ބޯޑުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ދިމާވާ ދަތިތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ޕެރޯލް ބޯޑު އެކުލަވާލާފައިވަނީ ޤާނޫނު ނަންބަރު 2013/14 “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު”ގެ 127 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއެވެ. ޕެރޯލް ބޯޑުގައި ތަފާތު އެކި ދާއިރާތައް ތަމްޞީލް ކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރަކާއި، މެޑިކަލް ޑޮކްޓަރަކާއި، އޭ.ޖީ.އޮފީހުގެ ޤާނޫނީ ވަކީލަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ހެލްތްގެ އިސް މުވައްޒަފަކާއި، ނަފްސާނީ ފަރުވާދޭ ޑޮކްޓަރަކާއި، އަމިއްލަ ޖަމިއްޔާއެއްގެ މެމްބަރަކާއި، އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅުއްވާ ދީނީ އިލްމުވެރިއަކާއި، އަދި މޯލްޑިސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަން އޮފިސަރެއް ހިމެނެއެވެ. މިވަގުތު ނަފްސާނީ ފަރުވާދޭ ޑޮކްޓަރެއް މި ބޯޑުގައި ނެތެވެ.

ޕެރޯލް ބޯޑަށް އަލަށް ޢައްޔަނުކުރެއްވި ތިން ބޭފުޅުންނަކީ އަލްފާޟިލް މުޙައްމަދު މީޒާން (މިނިސްޓްރީ އޮފް ހެލްތް ތަމްޞީލްކުރައްވާ ފަރާތް)، އަލްފާޟިލް ޔަޢުޤޫބު އާދަމްމަނިކު (މިނިސްޓްރީ އޮފް އެޑިއުކޭޝަން ތަމްޞީލްކުރައްވާ ފަރާތް) އަދި ޑރ ފާޠިމަތު މުފްލިޙާ (މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން) އެވެ. އަދި ބޯޑުން ޗެއަރޕަސަންއަކަށް ޢައްޔަނުކޮށްފައިވަނީ އަލްއުސްތާޛާ މާޒިޔާ ޢަބްދުލްސައްތާރު (އެޓަރނީ ޖެނެރަލްގެ އޮފީސް) އަދި ވައިސް ޗެއަރޕަސަންއަކަށް ޢައްޔަނުކޮށްފައިވަނީ އަލްފާޟިލް މުޙައްމަދު އިބްރާހިމް (ސްކައުޓް އެސޯސިއޭޝަން) އެވެ.

މި ބޯޑުގެ މައިގަނޑު މަޤްޞަދަކީ ވަކި މިންގަނޑުތަކަކަށް ފެތޭ ފަރާތްތައް، މުޖްތަމަޢަގައި ހުންނަ ދުވަސްތަކުގައި ފުރިހަމަކުރަންޖެހޭ ވަކި ޝަރުތުތަކަކާއެކު ޕެރޯލް ފުރުޞަތުގެ ދަށުން އެ ފަރާތްތައް ޖަލުން ދޫކުރުމެވެ.

މިގޮތުން މި ވަގުތު ޕެރޯލްގެ ދަށުން މިވަގުތު ޝަރުތުތަކާއެކު 77 މީހުން މުޖްތަމަޢަށް ދޫކޮށްފައި އެބަތިބިއެވެ. އަދި މި އަހަރު މިހާތަނަށް ކާމިޔާބު ކަމާއެކު 18 މީހުން ޕެރޯލް ފުރިހަމަކޮށް، މިނިވަން ވެފައިވެއެވެ. 2020 ގައި 389 ފޯމް ޕެރޯލަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 272 ޕްރޮސެސް ކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ޝަރުތު ހަމަވެގެން 70 ފަރާތަކަށް ޕެރޯލް ދިނުމަށް ނިންމާފައިވާއިރު، 43 ފަރާތަކަކަށް ޕެރޯލް ނުދޭގޮތަށް ވަނީ ނިންމާފައެވެ. 2021 ގައި މިހާތަނަށް 13 ފަރާތަކަށް ޕެރޯލް ދޭން ނިންމާފައިވާއިރު، 07 ފަރާތަކަށް ޕެރޯލް ނުދޭގޮތަށް ވަނީ ނިންމާފައެވެ.

ޤައިދީންގެ ތެރެއިން ޕެރޯލް ފުރުޞަތު ދެވޭ ޤައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ “ފަހި ފުރުޞަތު” ގެ ދަށުން މުޖްތަމަޢަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 11 ފަރާތެއް މިވަގުތު ސްޓެލްކޯގައި މަސައްކަތްކުރަމުން އެބަގެންދެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކާ ގުޅިގެން، “ފަހި ފުރުޞަތު” އިތުރަށް ފުޅާކުރުމުގެ ގޮތުން މަސައްކަތް ކުރަމުން އެބަގެންދެއެވެ. މިގޮތުން އެމްޓީސީސީ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރްޑީސީ އަދި އެމްޕީއެލްއާ މަޝްވަރާކުރެވި، އެ ކުންފުނިތަކުގައި ޕެރޯލްގެ ދަށުން މުޖްތަމަޢަށް ދޫކުރެވޭ ޤައިދީންނަށް ވަޒީފާގެ ހުންރުތައް ދަސްކޮށްދިނުމާއި ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.