މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންގެ ފައިސާއާބެހޭ މުޢާމަލާތްތައް ފަސޭހަކަމާއެކު ބަލަހައްޓާ ނިޒާމެއް ކަމުގައިވާ “ޕްރިޒަނަރ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމް (ޕެމްސް)” މިއަދު ބޭނުންކުރަން ފަށައިފިއެވެ.
ޕެމްސްއިން، ޢާއިލާއިން ކޮންމެ މަހަކު ބަނޑޭރި ޕޭ މެދުވެރިކޮށް ކަނޑައެޅިފައިވާ އަދަދަށް ޤައިދިންނާއި ބަންދުމީހުންނަށް ފޮނުވާ ފައިސާ އަދި އެލަވަންސް އުޞޫލުން މަސައްކަތްކުރާ ޤައިދީންގެ ފައިސާ ފަސޭހައިން ބެލެހެއްޓުމަށް މަގުފަހިކޮށްދެއެވެ. މީގެ އިތުރުން ޤައިދީންނާއި ބަންދުމީހުން ވިޔަފާރި އުޞޫލުންކުރާ މުޢާމަލާތްތައް ފަސޭހައިން ބެލެހެއްޓޭނެއެވެ.
ޕެމްސްއަކީ ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސިސްޓަމް (އެޓަމްސް)ގެ އެކައުންޓްސްތަކާބެހޭ މޮޑިއުލްއެވެ. މިގޮތުން އެޓަމްސް އިން ޤައިދީންގެ ހުރިހާ ރެކޯޑްތައް ބަލަހައްޓާއިރު، ޕެމްސްއިން ބަލަހައްޓާނީ އެފަރާތްތަކުގެ ފައިސާއާ ބެހޭ ރިކޯޑްތަކެވެ.
މި ސިސްޓަމް މެދުވެރިކޮށް ހުރިހާ ޖަލަކާއި ހެޑް އޮފީސް ގުޅުވައިދެއެވެ. މީގެ ސަބަބުން އެއް ޑޭޓާ ބޭސްއަކުން ޤައިދީންގެ ރިކޯޑްތައް ބެލެހެއްޓި، ކަންތައްތައް ކުރުމުގައި ކުރިއަށްވުރެ އަވަސްވެ، ކަރުދާސް ބޭނުންކުރުމާއި ޑަބަލްކޮށްކުރަންޖެހޭ މަސައްކަތްތައް ލުއިވެގެންދާނެއެވެ. މި ސިސްޓަމް އަބަދުވެސް ލައިވްކޮށް އަޕްޑޭޓްވަމުންދާނެއެވެ. އަދި މީގެ ސަބަބުން މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެ، އޮފިސަރުންނާއި މުވައްޒަފުން ޒިންމާދާރުވުން އިތުރުވެގެންދާނެއެވެ.
އެޓަމްސް އާއި ޕެމްސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ އައިޓީ ސެކްޝަންގެ ފަންނީ އޮފިސަރުންނާއި މުވައްޒަފުންނެވެ.