ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޔޫރަޕައަން ޔޫނިއަންގެ މާލީ އެހީއާކު ފަރުމާކުރި “ޕްރިޒަނަރ ކްލަސިފިކޭޝަން އެންޑް ރިސްކް އެސެސްމަންޓް ޓޫލް އާއި މެނުއަލްތައް” މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް ޙަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ޔޫރަޕިއަން ޔޫނިއަންއިން ސްރީލަންކާ އަދި ދިވެހިރާއްޖެއަށް ކަނޑައާފައި ހުންނަވާ އެމްބެސެޑަރ، ހިސް އެކްސަލަންސީ ޑެނިސް ޝައިބީ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޛީރު، ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ މީސް ކެތަރިން ހެސްވެލް، ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލާ ތޯއިބާ ސައީދު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އާއި އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
ޖަލުތަކަކީ ޓެރަރިސްޓް އަމަލުތައް ހިންގާ ނެޓްވަރކްތަކުން ޢާންމުކޮށް މީހުން ހޮވުމަށް ބޭނުންކުރާ އެއް ތަނެވެ. ޤައުމީ ސަލާމަތައްޓަކައި މިކަންތައްތައް ހުއްޓުވުމަކީ ވަރަށް މުހިއްމުކަމެކެވެ. މިގޮތުން ޕްރިޒަނަރ ކްލަސިފިކޭޝަން އެންޑް ރިސްކް އެސެސްމަންޓް ޓޫލް އާއި މެނުއަލްތަކުގެ ސަބަބުން ޖަލުތަކުގައި ޓެރަރިޒަމްއާއި ހައްދުފަހަނަ އަޅާފައިވާ ފިކުރު ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.
ޓޫލްސް އަދި މެނުއަލްތައް އެމްސީއެސްއާ ޙަވާލުކުރުމުގެ އިތުރުން، ޔޫއެންއޯޑީސީ އާއި އީޔޫގެ ފަރާތުން އެކި ގޮތްގޮތުން އެމްސީއެސްއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ އެ ދެ މުވައްސަސާއަށް މި ރަސްމިއްޔާތުގައި ހަނދާނީ ފިލާއެއް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވުނަސް، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲ ދެއްވި މެސެޖަކީ ބޭނުންތެރި ވަގުތުގައި އެޅޭ ފިޔަވަޅުތަކުން ޖަލުތަކުގައި ހައްދުފަހަނަ އަޅާފައިވާ ފިކުރު ފެތުރުން ހުއްޓިވިދާނެކަމަށާއި އޭގެ ތެރެއިން ރިހެބިލިޓޭޓްކުރަން ބޭނުންވާ ޤައިދީން ދެނެގަނެ، އެ ފަރާތްތައް މުޖްތަމައަށް އަނބުރާ ރަނގަޅު ފަރުދުންގެ ގޮތުގައި ދޫކުރަމަކީ ވަރަށް ފަރުވާތެރިކަމާއި އަވަސްކޮށް ކުރަންޖެހޭ ކަމައްކަމަށެވެ. އަދި މިކަން ކުރުމަށް ބައިނަލްއަޤްވާމީ އޭޖެންސީތަކުގެ އެހީތެރިކަން ބޭނުންވާކަމަށާއި، ޔޫއެންޑީޕީ، ޔޫއެންއޯޑީސީ އަދި އީޔޫއިން ދެއްވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އެމްބެސެޑަރ ހިސް އެކްސަލަންސީ ޑެނިސް ޝައިބީ ދެއްކެވިވާހަކަފުޅުގައި ފާހަގަކުރެއްވީ ހައްދުފަހަނަ އަޅާ ފިކުރާއި ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި ގުޅުން މުހިއްމުކަމަށެވެ.
އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ޤާބިލްބަޔަކަށް ހެދުމަށް ގިނަ ތަމްރީންތަކެއް އެމްސީއެސްއާ ގުޅިގެން ހިންގާފައިވާނެ ކަމަށާއި އެ ތަމްރީންތަކުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ މީސް ކެތަރިން ހެސްވެލް، ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލާ ތޯއިބާ ސައީދު ވިދާޅުވީ ކުރިއަށް އޮތްތާނގައިވެސް އެމްސީއެސްގެ ކެޕޭސިޓީ ބިލްޑިންގއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާނެކަމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މިނިސްޓްރީ އޮފް ހޯމް އެފެއަރޒަށާއި ޔޫއެންއޯޑީސީ އަދި އީޔޫއަށް ޝުކުރުދަންނަވަމުން، އެފަރާތްތަކުން އެމްސީއެސްގެ އޮފިސަރުން ޕްރޮފެޝަނަލް މިންގަނޑުތަކަށް ބިނާކުރުމަށާއި ޖަލުގެ ނިޒާމް ތަރައްޤީކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. ކޮމިޝަނަރ ވިދާޅުވިގޮތުގައި، މީގެ ކުރިން ޓެރަރިޒަމްގެ ކުށްތަކުގައި ޖަލުގައި ބަންދުކުރެވޭ ޤައިދީންނާއި ޖަލުގެ ޢާންމު އާބާދީ ވަކި ކުރެވޭނެ ގޮތް ނެތުމަކީ، ޓްރަރިޒަމްއާއި ހައްދުފަހަނަ އަޅާފައިވާ ފިކުރު ޖަލުތަކުގައި ފެތުރެން ދިމާވި ޢެންމެ ބޮޑު އެއްސަބަބު ކަމަށާއި، މިއަދު ޙަވާލުކުރެވުނު ޓޫލްސްއާއި މެނުއަލްތަކުގެ ސަބަބުން ޓެރަރިޒަމް ހަރަކާތްތަކާ ގުޅުންހުރި ހައްދުފަހަނަ އަޅާފައިވާ ޤައިދީން ފަސޭހައިން ދެނެގަނެ، އެފަރާތްތައް ޖަލުގެ އާންމު އާބާދީއިން އެކަހެރިކޮށް ސްޕެޝަލް މެނޭޖްމަންޓް ޔުނިޓަށް (އެސްއެމްޔޫ) ބަދަލުކުމަށް މަގުފަހިވެގެންދާނެކަމަށެވެ. މީގެ އިތުރުން ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ހިންގުނު “ނެލްސަން މަންޑޭލާ ރޫލްސް: ދަ މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް” ގެ ޓްރޭން ދަ ޓްރޭނަރސް ޓްރޭނިންގ ފުރިހަމަކުރި އޮފިސަރުން، ފަސް ޓްރޭނިންގ ބެޗް ކުރިއަށް ގެންގޮސް މިހާތަނަށް 141 އޮފސަރުން ތަމްރީންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.