މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު 2 މިއަދު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، މެޑިކަލް ސެންޓަރު 2 ހުޅުއްވައިދެއްވީ ޝަރަފްވެރި މެހެމާން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްއެވެ. ނާއިބު ރައީސްގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝެއިޙް އިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަޙްމަދު ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޞަމީރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އަދި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މިއަދު ހުޅުވުނު މި މެޑިކަލް ސެންޓަރަކީ ތިން ފޭސްއަކަށް ބަހާލައިގެން ޤާއިމުކުރެވުނު، ދެ ފަންގިފިލާގެ އިމާރާތެކެވެ. މިގޮތުން ފުރަތަމަ ފޭސްގައި ކޮންކްރީޓާއި ގްރައުންޑް ފްލޯރ އަޅާފައިވާއިރު، ދެވަނަ ފޭސްގައި ފުރަތަމަ ފްލޯ އަދި ތިން ވަނަ ފޭސްގައި ފަރުނީޗަރާއި ބޭނުންވާ އާލާތްތަކާއި ތަކެތި ހޯދާފައިވެއެވެ. މި ޕްރޮޖެކްޓަކީ އެމްސީއެސްއަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ޕީއައިއެސްޕީ ޕްރޮޖެކްޓެއްގެ ތެރެއިންނެވެ.
މި ސެންޓަރުގައި އޯޕީޑީ ކޮންސަލްޓޭޝަންތަކާއި އެކްސް ރޭ ނެގުމުގެ އިތުރުން ޓެލެ ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ނަފްސާނީ ގޮތުން އެހީތެރިކަންބޭނުންވާ ފަރާތްތަކަށް ކްރައިސިސް ސެންޓަރ އެއްވެސް މި ސެންޓަރުގައި ވަނީ ޤާއިމުކުރެވިފައެވެ. މި ސެންޓަރުގައި ލެބޯޓަރީއަކާއި ދަތުގެ ޚިދުމަތް ފޯރުކޮށްދެން ބޭނުންވާ އާލާތްތައް ހުރިނަމަވެސް، މި ވަގުތު ލެބޯޓަރީ ޓެކްނީޝަނަކާއި ދަތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ނެތުމުން މިޚިދުމަތްތައް މުސްތަޤްބަލެއްގައި ދެވެން ފެށޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މި ހުޅުވުނު ސެންޓަރުގެ ސަބަބުން ޤައިދީންނަށް ޖަލުގައި ތިބެގެން ގާތުން ސިއްޙީ ފަރުވާ ފޯރުކޮށްދެވޭނެކަމަށެވެ. އަދި އެމްސީއެސްގެ އޮފިސަރުންކުރާ ޚިދުމަތަކީ ޤައުމީ އަދި ވަރަށް މުހިއްމު ޚިދުމަތެއްކަމަށާއި ބަލަންވާނީ ޖަލުގައި ތިބި އެންމެންނަކީވެސް މުޖްތަމައަށް ރަނގަޅު ފަރުދުންގެ ގޮތުގައި ވީހާވެސް އަވަހަށް ނެރެވޭނެ ބަޔަކަށް ހެދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝެއިޙް އިމްރާން ޢަބްދުﷲ، ޤައިދީންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ދަތިތައް ފާހަގަކުރައްވައި ވިދާޅުވީ މިއަދަކީ ދެކެންވަރަށް ބޭނުންވި ދުވަހެއްކަމަށެވެ. އަދި ވޭތުވެ ދިޔަ 50 އަހަރުގެ ތެރޭގައި އޮފިސަރުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަމްރީންކުރެވި، މިހާރު ރަނގަޅު ޓީމެއް ބިނާވެފައިވާކަން ފާހަގަކުރެއްވިއެވެ.
ހެލްތް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ޤައިދީންނަކީ ޖަލަށް އައުމުން އެކަނިވެރިވާނެ ބައެއްކަމަށާއި، އެފަރާތްތަކަށް އަނިޔާވެރިނުވުމަށާ އޭގެ ބަދަލުގައި އެފަރާތްތައް ޖަލުން މިނިވަންވުމުންވެސް ރައްޓެހިންގެ ގޮތުގައި ދެކޭގޮތަށް އިޙްސާންތެރިކަމާއި އޯގާތެރިކަމާއެކު މުހާތަބުކޮށް، ގާތްގުޅުމެއް ބާއްވަން ބާރުއެޅުއްވިއެވެ. އަދި ޖަލުގައި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މުޙިއްމުކަން ފާހަގަކުރައްވާ، ހެލްތް މިނިސްޓްރީގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ނާއިބު ރައީސް ފައިޞަލް ނަސީމް، ހޯމް މިނިސްޓަރ ޝެއިޙް އިމްރާން ޢަބްދުﷲ، ހެލްތް މިނިސްޓަރ އޮނަރަބަލް އަޙްމަދު ނަސީމް އަދި އޮނަރަބަލް ޞަމީރު، އެމްސީއެސްއަށް ދެއްވާ އެހީތެރިކަމަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ. ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤައިދީން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ތަކުލީފު ބޮޑު ކަމައްކަމަށާއި ސެކިއުރިޓީގެ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކެނޑިނޭޅި ދިމާވަމުން އަންނަ ކަމައްކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މިއަދު މި ހުޅުވުނު މެޑިކަލް ސެންޓަރުގެ ސަބަބުން، ޓެލެ ކޮންސަލްޓޭޝަންގެ ޚިދުމަތާއެކު އަސާސީ ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދެވޭނެކަމަށާއި މުސްތަޤްބަލުގައި އިތުރު އާލާތާއި ޑޮކްޓަރުން ހޯދައި، މިހާރަށްވުރެ އިތުރު ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވިއެވެ.