މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް: ޤައުމީ ޚިދުމަތުގައި 50 އަހަރު!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނާއި މުވައްޒަފުން، ދިވެހިރާއްޖޭގެ ޖަލު ބަލަހައްޓާ ނިޒާމުގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިފަދަ މުނާޞަބަތެއްގައި އޮފިސަރުންނާއި މުވައްޒަފުންގެ އަގު ވަޒަންކޮށް، އެއްބައިވަންތަކަމާއި ގުޅުން ބަދަހިކުރުމުގެ މުޙިއްމުކަން ފާހަގަކުރެއްވުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މާފުށީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ހުޅުމާލެ ޖަލުގެ ހަރަކާތްތަކުގައި އަދި  އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އައްސޭރި ޖަލުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިގޮތުން، އަހަރީ ދުވަސް ފެށުމުގެ ގޮތުން ހުޅުމާލެ ޖަލު، އައްސޭރި ޖަލު އަދި މާފުށީ ޖަލުގައި ވަނީ ޖަމާޢަތުގައި ފަތިސް ނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. ހުޅުމާލޭ ޖަލުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މާލެ ޖަލާއި އަދި ހެޑް އޮފީސް ހިމަނައިގެންނެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޖަލު ބަލަހައްޓާ މުވައްސަސާގެ ކުރީގެ މުވައްޒަފުން ކޮށްދެއްވާފައިވާ ޚިދުމަތަށާއި މިހާރުގެ އޮފިސަރުންނާއި މުވައްޒަފުން ކުރަމުންދާ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން މި ތިން ޖަލުގައި ފުޓްސަލް މެޗާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއައެވެ.