މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ” (ޕީ.އާރް.ޓީ.ޓީ) ގެ ހަ ވަނަ ބެޗްގެ ނިމުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ރޭ ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކުގެ އޮފިސރުންނާއި ސިވިލް މުވައްޒަފުން އަދި ދައުވަތު ދެއްވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
45 ފަސް ދުވަހަށް ކުރިއަށް ގެންދިޔަމި ޓްރޭނިންގެ ހަވަނަ ބެޗްގައި އެމްސީއެސްގެ އެކި ޖަލުތަކުންނާއި ހެޑް އޮފީހުން 46 އޮފިސަރުން ބައިވެރިވި ނަމަވެސް، މި ޓްރޭނިންގ ފުރިހަމަކޮށްފައިވަނީ 42 އޮފިސަރުންނެވެ.
ޕީއާރްޓީޓީ ފުރިހަމަކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑީސީޕީ ޢަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އޭސީޕީ މުޙައްމަދު އާޞިފް އަދި އެސްޕީ މުޙައްމަދު ޝާހީން ޢަލީއެވެ. މި ޓްރޭނިންގގެ ފެސިލިޓޭޓަރުންނަށް ސީޕީ ސެޓްފިކެޓް ހަވާލުކޮށްދެއްވިއިރު، މި ޓްރޭނިންގގެ ބެސްޓް ކޮލަމް، ބެސްޓް އޯލް ރައުންޑް އޮފިސަރާއި އަދި ފިޓެސްޓް އޮފިސަރަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރެވެ. މިގޮތުން ބެސްޓް އޯލް ރައުންޑަށް ޕްރައިވެޓް ހަމްދޫން އަޙްމަދު ހޮވިފައިވާއިރު، ފިޓެސްޓް އޮފިސަރ ލިބިފައިވަނީ ޕްރައިވެޓް މުޙައްމަދު ޢަލީ ރަޝީދަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމްސީއެސްގެ 50 ވަނަ އަހަރީ ދުވަހަށް ޚާއްސަ ލޯގޯ އާއި އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ދިދަ ވަނީ ރަސްމީކޮށް އިފްތިތިޙްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، މި ޓްރޭނިންގ ކާމިޔާބުކަމާއެކި ނިންމާލި ހިތްވަރުގަދަ އޮފިސަރުންނަށް ޝުކުރު އަދާކުރައްވައި މަރުހަބާ ދެންނެވިއެވެ. އަދި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީތީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲއަށް އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އެމްސީއެސް ހަރުދަނާކުރުމަށާއި މުވައްޒަފުން ބިނާ ކުރުމަށް އަބަދުވެސް އިސްކަންދެއްވާކަމަށާއި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ތަރުތީބުކުރެވިފައިވާ ހުރިހާ ކަމެއް ކުރިއަށް ނުގެންދެވުނު ނަމަވެސް، މުވައްޒަފުން ބިނާ ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރައްވަމުން ގެންދަވާކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރަށް ބަލާއިރު، މުވައްޒަފުން ތާޒާ ކުރުމަށާއި އެކި އެކި ގޮތްގޮތުން ހުނަރާއި މަޢުލޫމާތު ހިއްސާކޮށް ބިނާކުރުމުގެ ގޮތުން 20 ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާކަމަށާއި މި ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން 788 އޮފިސަރުންނަށާއި މުވައްޒަފުންނަށް އެކިއެކި ހުނަރާއި ތަމްރީނު ދަސްވެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މުވައްސަސާގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުން ޢިލްމީ، ޤާބިލު މުވައްޒަފުން ހޯދުމަށްޓަކައި؛ އެޑިއުކޭޝަނަލް ޕޮލިސީއެއް ޑްރާފްޓްކުރެވި، ދާދި އަވަހަށް އެންޑޯސްކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ. މި ޕޮލިސީގެ ސަބަބުން މުވައްސަސާއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމް ހާޞިލްކުރަން އެދޭ ފަރާތްތަކަށް ވަޒީފާއަދާކުރަމުން ލުއި ފަސޭހަކަމާއެކު ކިޔެވޭނެ ފުރުޞަތު ލިބިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި ޕްރައިމެރީ ރެސްޕޮންސް ޓީމެއް އޮތުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވައި، އެކި އެކި ސަބަބުތަކާހުރެ އީއެސްޖީގެ އޮފިސަރުންގެ ނިސްބަތް މަދުވެފައިވާކަމާއި އޭގެ ސަބަބުން ޖަލުތަކުގައި ދިމާވާ ގޮންޖެހުންތަކަށް، ޕީއާރްޓީޓީ ފުރިހަމަކުރި މި ބެޗްގެ ސަބަބުން ހައްލު ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ޕީއާރްޓީޓީއަށް ގެނެވުނު ބަދަލުތަކާއެކު އެހާ ފުރިހަމައަށް ހިންގިފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ މުވައްޒަފުންނާއި ޑައިރެކްޓަރުގެ ހީވާގިކަމުންނާއި ދެއްވާ އެއްބާރުލުމުގެ ސަބަބުންކަމަށް ކޮމިޝަނަރ ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.
މީގެ އިތުރުން މި ޓްރޭނިންގ ޕްރޮގްރާމްގެ ދަސްވެނިންނަށް ބާރު ބޭނުންކުރުމުގައި ހާލަތާ ބައްދަލު މިންވަރަށް ބާރު ބޭނުންކުރުމަށާއި، އެއްވެސް ބާރެއް ބޭނުންކޮށްފިކަމަށް ވާނަމަ، އެކަމަށް ޖަވާބުދާރީ ވާންޖެހޭނެކަން އަބަދުމެ ހަނދާން ބަހައްޓަންޖެހޭނެކަމުގައި ސީޕީ ހަނދާންކޮށްދެއްވިއެވެ.