21 ޤައިދީންނާއެކު “ސެޓްފިކްޓް 01 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯހުގެ 7 ވަނަ ބެޗްގެ ކިޔެވުން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯހުގެ ހަތްވަނަ ބެޗްގެ ކިޔެވުން ފަށައިފިއެވެ.

07 އޮގަސްޓް 2021 ގައި މާފުށީ ޖަލުގައި ފެށި މި ކޯސް ކުރިއަށްދާނީ ފަސް ހަފްތާގެ މުއްދަތަކަށެވެ. އަދި މި ކޯހުގެ ހަތް ވަނަ ބެޗްގައި 21 ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގެ މަގްސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާއި ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ތަކެތި ކިޔައިދީ، ކަރަންޓް ވައިރު ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ،  ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ޖަލުން ނުކުތުމަށްފަހު، އާންމު ދިރުއުޅުމުގައި އުޅޭއިރު އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ.

މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ކިއު.އޭއިން ލެވަލް 01 ގެ ފެންވަރަށް ޤަބޫލުކުރާ ސެޓްފިކެޓެއް ލިބި، މިދާއިރާއިން ސެޓްފިކެޓް ލެވެލް 2 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

މި ކޯހުގައި މައިގަނޑު ހަތް (7) މޮޑިއުލް ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިންގ، އިންސްޕެކްޝަން، ޓެސްޓިންގ، ފޯލްޓް ފައިންޑިންގ އެންޑް ރިޕެއަރ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން، އެސްޓިމޭޓް ހެދުމާއި ކަރަންޓު ވަޔަރުކުމަށް ބޭނުންވާ ތަކެތި، އިންސްޓޯލް ސާރވިސް / ރިޕެއަރ އޮރ ރިޕްލޭސް އިލެކްޓްރިކަލް ކޮންޓްރޯލް ސިސްޓަމް އެންޑް ޕްރޮޓެކްޓިވް ސްވިޗް ގިއަރ ފަދަ މޮޑިއުލްތަކުގެ އިތުރުން އިނގިރޭސި އަދި ހިސާބުވެސް ކިޔަވާދޭނެއެވެ.