މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވާފިއެވެ.
ރޭ މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެމެސީއެސްގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޔޫއެންއީޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލާ ތޯއިބާ ސައީދު އާއި މި ދެ ޕްރޮގްރާމްގެ ފެސިލިޓޭޓަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި އޮފިސަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިގޮތުން ޖުލައި 17 ން 24 ށް ކުރިއަށް ގެންދިޔަ “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމް 24 އޮފިސަރުން ފުރިހަމަކޮށްފައިވާއިރު، ޖުލައި 25 ން 29 ށް ކުރިއަށް ގެންދިޔަ “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމް 23 އޮފިސަރުން ވަނީ ފުރިހަމަކޮށްފައެވެ. މި ދެ ޕްރޮގްރާމްގައިވެސް ބައިވެރިވެފައިވަނީ އެއް ބެޗެކެވެ.
ސެޓްފިކެޓް ހަވާލުކުރުމުގެ އިތުރުން، ޔޫއެންއޯޑީސީގެ ފަރާތުން އަލްފާޟިލާ ތޯއިބާ ސައީދު ވަނީ މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ނެލްސަން މަންޑޭލާ ރޫސްލްސްގެ ޓޫލްކިޓް ހަވާލުކޮށްފައެވެ.
ކޮމިޝަނަރ މި ދެ ޕްރޮގްރާމްގެ ބައިވެރިންނަށް މަރުހަބާއާއި ޝުކުރުދަންނަވަމުން، ޔޫއެންއޯޑީސީއިން އެމްސީއެސްއާ ބާއްވާ ގާތްގުޅުމަށާއި އޮފިސަރުން ޤާބިލު ބަޔަކަށް ހެދުމަށް ފަންނީ އަދި އެހެނިހެން ގޮތްގޮތުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިޕްސްޓަރ އާއި ޖަރނީއިން މި ދެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށްޓަކައި ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.
ކޮމިޝަނަރގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ލެވެލްގައި މަޝްވަރާތައް ކުރެވި، ގިނަ ކަންކަން ކުރެވެމުންދިޔަނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަކަމަށާއި އޭގެ ސަބަބަކީ މުޖްތަމައުތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުކަމުންކަމުންނާއި އޭގެންކުރާ ނޭދެވޭ އަސަރު ބޮޑުކަމުންކަމަށް ފާހަގަކުރެއްވިއެވެ. އަދި އެމްސީއެސް ބަލަހައްޓާ ހަތަރު ޖަލުގައި މިހާރުވެސް ބަންދުކުރެވިފައިވާ ޤައިދީންގެ ނިސްބަތައް ބަލާއިރު 70 އިން ސައްތަ ޤައިދީންނަކީ މަސްތުވާތަކެއްޗާ ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ ޤައިދީންކަމަށާއި ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށް ވެސް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން އެމްސީއެސްއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން އަތުލާގަނެވިފައިވާކަމަށް ވިދާޅުވިއެވެ. ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރެވެމުންދާއިރު، ދިވެހިރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާކުރިމަތިލާންޖެހޭކަމަށާއި އެގޮތުން ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތުން ކަމަށް ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19ގެ ސަބަބުން ޤައިދީން އެއްތަނުން އަނެއްތަނަށް އުފުލުން 1 އިން ސައްތައަށް މަދުކުރި ނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ވަންނަކަމަށާއި އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، އޮޕަރޭޝަންތަކުން 178 މޮބައިލް ފޯނު އަތުލާގަނެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ކަންތައްތައް ހައްލުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހޭކަމަށާއި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުންވާކަމީ ހިތާމަހުރިކަމެއްކަމަށް ވިދާޅުވިއެވެ. އެކަންތައްތައް ހުއްޓުވުމަށް މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި، ޕްރޮފެޝަނަލް ސްޓޭންޑަޑްއެއް ޤާއިމުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި ހުރި ވަސީލަތްތަކުގެ ދަތިކަމާއެކު ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭލެއް މަދުކަމަށް ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ މީގެ އިތުރުން ފާހަގަކުރެއްވީ ޤައިދީންނަށް ޕެރޯލް ފުރުޞަތުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިތަކާ މަޝްވަރާކުރައްވަމުންދާކަމަށެވެ.
އަދި ބައެއް ބާވަތުގެ ކުށްތަކަށް ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރަން ފަށާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.