އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ގެ ޕްރޮގްރާމް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

ޖުލައި 17 ން 24 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރޭނިންގ ޕްރޮގްރާމްގެ ބޭނުމަކީ ޤައިދީންނަށް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށްވުރެ ހަރުދަނާކޮށް ހިންގުމުގެ ޤާބިލްކަން ޕްރިޒަން އޮފިސަރުންގެ ކިބައިގައި ބިނާކުރުމެވެ.

އެގޮތުން އެކި ޖަލުތަކުން ޖުމްލަ 24 އޮފިސަރުން ވަނީ މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި މެންޓަލް ހެލްތް އެންޑް ފަރސްޓް އެއިޑް ޓްރޭނިންގ، ކޮމިއުނިކޭޝަން އެންޑް ކައުންސެލިންގ، މޯޓިވޭޝަނަލް އިންޓަވިއުއިންގ އަދި ސްޓްރެސް މެނޭޖްމަންޓް ފަދަ މޮޑިއުލްތައް ކިޔަވާދޭނެއެވެ. މި ޕްރޮގްރާމްގެ މޮޑިއުލްތައް ކިޔަވާދެއްވާނީ މިޕްސްޓަރ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ފަންނީ ބޭފުޅުންނެވެ.