މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 6 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ. މިއީ އަސާސީ ތަމްރީން ޕްރޮގްރާމްގެ 24 ވަނަ ބެޗެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީއެވެ. އަދި މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙަމަދު ޖާދުﷲ އާއި ސީނިއަރ މެނޭޖްމަންޓް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށެވެ.
03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 25 ޓްރޭނީއިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 24 ޓްރޭނީ ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ މާފުށީ ޖަލުގެ ޑިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲ އާއި ޑެޕިއުޓީ ޑިރެކްޓަރ ޢަބްދުﷲ އަމީން އާއި އޭސްޕީ ޢަބްދުލް ޣަނީ ގެ އިތުރުން ސީޕީއޯ ޙުސެޢިން ރިޟްވާންއެވެ.
މި ރަސްމިއްޔާތުގައި ކޯސް ކުރިއަށްދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅާފައެވެ. މިގޮތުން މުޅި ޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްހަތެއް ހުރި އޮފިސަރު ނުވަތަ “ފިޓެސްޓް” އޮފިސަރުކަމަށް ހޮވިފައިވަނީ ޕްރައިވެޓް ސަނީމް ޝަމާއިލްއެވެ. އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް އަޙްމަދު ނާއިލްއެވެ.
މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވާ އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.