އެމްސީއެސްއިން އައިޖީއެމްއެޗްއާއެކު ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޑޮކްޓަރަށްދެއްކުމާބެހޭ ފަހުމްނާމާގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނަށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކެ ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މިގޮތުން މި ފަހުމްނާމާއާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްޢުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި ސީނިއަރ ބޭފުޅުން ވަނީ އައިޖީއެމްއެޗްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާފައެވެ.

މި ފަހުމްނާމާގައި ދެ ފަރާތުން  ސޮއިކޮށްފައިވަނީ 2021 އޭޕްރިލް 01 ގައިއެވެ. އަދި މުއްދަތަކީ 01 އަހަރެވެ.

މި ފަހުމްނާމާގައި ސޮއިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޢާންމުކޮށް ޑޮކްޓަރަށް ދެއްކުމަށާއި ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުމުގައި ހުރި ދަތިތައް ޙައްލުކޮށް، އަވަސް ފުރުޞަތެއްގައި އެފަރާތްތަކަށް ލިބެންޖެހޭ ބޭސް ފަރުވާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުމެވެ.

މި ފަހުމްނާމާގެ ދަށުން، ޤައިދީންނާއި ބަންދުމީހުންގެ އެޕޮއިންޓްމަންޓް ނުވަތަ ޓެލެކޮންސަލްޓޭޝަން ކުރިއަށްދާނީ ގޫގްލް މީޓް މެދުވެރިކޮށެވެ. ޑޮކްޓަރަށް ދައްކަން ހަމަޖެހިފައިވާ ފަރާތުގެ ސިއްޚީ މަޢުލޫމާތު އެޕޮއިންޓްމަންޓްގެ 01 ގަޑިއިރު ކުރިން ޑޮކްޓަރާ ޚިއްސާކުރެވޭނެއެވެ. އަދި ޓެލެކޮންސަލްޓޭޝަންތަކާ ގުޅިގެން ޑޮކްޓަރު ބޭނުންވާ ތަހުލީލުތަކަށް އައިޖީއެމްއެޗްއިން ވީވަރަކުން ވީވަރަކުން އެންމެ އަވަސް ފުރުޞަތެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސާދޭނެއެވެ.

މިފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ޤައިދީންނާއި ބަންދުމީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. ޚާއްސަކޮށް ކޯވިޑް-19 ފަދަ ނުރައްކާތެރި ވައިރަސްއެއް ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅުގައި ޤައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ އެމްސީއެސްގެ އަމާޒެވެ.