މާފުށީ ޖަލުގެ “އެރޭނާ ޑީޕީ ކަޕް 2021” ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި “އެރޭނާ ޑީޕީ ކަޕް 2021”  ގެ ނަމުގައި ފުޓްސަލް މުބާރާތެއް އިއްޔެ ފަށައިފި އެވެ.

މާފުށީ ޖަލުން އިންތިޒާމް ކޮށްގެން 10 މާރިޗު 2021 އިން 25 މާރިޗު 2021ށް ކުރިއަށްގެންދާ މި މުބާރާތް ފިރިހެން އަދި އަންހެން ޑިވިޟަނަށް ބަހައި، ދެ ޑިވިޟަނުގެ ފުރަތަމަ މެޗް އިއްޔެ ވަނީ ކުޅެފައެވެ. އެގޮތުން ފިރިހެން ޑިވިޟަނުގެ ފުރަތަމަ މެޗްގައި ޓީމް އޯއެމްސީ ސީނިއަރސް ވަނީ 11-1 ލަނޑުން ޓީމް މެނޭޖަރސް ބަލިކޮށްފައެވެ. އަދި އަންހެން ޑިވިޟަނުގެ ފުރަތަމަ މެޗްގައި ޓީމް ޔުނިކޯން ވަނީ ޓީމް ރޯޔަލްގެ މައްޗަށް ކުރިހޯދައި، 1-0 ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މާފުށީ ޖަލުގެ އެކި ޑިޕަރޓްމަންޓްތަކާއި ޔުނިޓްތަކުން އެކުލަވާލާފައިވާ 11 ޓީމު ބައިވެރިވެފައިވެއެވެ. ފިރިހެން ޑިވިޟަންގައި ބައިވެރިވި އަށް ޓީމަކީ ޓީމް އޯއެމްސީ ސީނިއަރސް، ޓީމް އޯއެމްސީ ޖޫނިއަރސް، ޓީމް އޯއެމްސީ އެޑްމިން، ޓީމް ސެކިއުރިޓީ، ޓީމް މެނޭޖަރސް، ޓީމް އެސްއެމްޓީ، ޓީމް އެގްޒަކަޓިވް އަދި ޓީމް އެޑްމިން އެންޑް ޕްރޮގްރާމްސްއެވެ. އަދި އަންހެން ޑިވިޟަންގައި ބައިވެރިވެފައިވާ ތިން ޓީމަކީ ޓީމް ޔުނިކޯން، ޓީމް ރޯޔަލް އަދި ޓީމް ގްރޫވީއެވެ.

މި މުބާރާތަކީ ޖަލުގެ އޮފިސަރުންނާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހި ކުރުވުމުގެ މަޤްޞަދުގައި ބޭއްވޭ މުބާރާތެކެވެ.