މާފުށީ ޖަލުގައި އަންހެން ޤައިދީން އަންހެނުންގެ ދުވަސް ފާހަގަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގެ ބެލުމުގެ ދަށުގައި ތިބޭ އަންހެން ގައިދީންނާއި ބަންދުމީހުން  ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.  

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާފުށީ ޖަލުގެ އަންހެނުންގެ ޔުނިޓްގައި ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ދުވަހަށް ޚާއްސަ ކޭކު ފެޅުމާއި ރިލޭ ރޭސް ފަދަ ކުޅިވަރުގެ ހަރަކާތްތަކެއްގެ ކުރިއަށް ގެންދިއުމުގެ އިތުރުން ދުވަހާ ގުޅޭ ޝިޔާރު ދޭހަވާ ކޭންވަސް ޕެއިންޓިންގއެއް ތައްޔާރުކުރުމުގެ ހަރަކާތެއް ހިންގާފައިވެއެވެ.  

މި ހަރަކާތްތައް ހިންގާފައިވަނީ އެޗް.ޕީ.އޭ.ގެ ގައިޑްލައިންތަކާ އެއްގޮތަށް، އަންހެން ޤައިދީންނާއި އަންހެން ބަންދުމީހުން ވަކިންނެވެ. އެގޮތުން ބަންދުމީހުން ބައިވެރިވެފައި ވަނީ ކޭކު ފެޅުމުގައެވެ.

މިގޮތުން 46 އަންހެން ޤައިދީންނާއި ނުވަ (9) އަންހެން ބަންދުމީހުން މި ހަރަކާތްތަކުގައި ބައިވެރިވި މި ހަރަކާތްތައް ރާވާ، ކުރިއަށް ގެންގޮސްފައި ވަނީ މާފުށީ ޖަލުގެ ޕްރޮގްރާމްސް ކޮމާންޑް އާއި ފީމޭލް ޔުނިޓް ގުޅިގެންނެވެ.