“ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯހުގެ އައު ބެޗެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯހުގެ 7 ވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މި ކޯހުގެ 7 ވަނަ ބެޗްގައި 21 ފިރިހެން ގައިދީން ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިއަށްދާނީ 05 ހަފްތާގެ މުއްދަތަށެވެ.

މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ތެރެއިން، ކޮމްޕިއުޓަރ ބޭނުންކުރާނެ ގޮތްތަކާއި، ކޮންޕިއުޓަރ ސިސްޓަމެއްގެ ބޭސިކް ބައިތައް ދަސްކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރާ ބަޔަކަށް ޤައިދީން ހެދުމަށް މަސައްކަތްކުރުމެވެ. 

މި ކޯހުގެ ބައިވެރިންނަށް ވިންޑޯސް 7، ބޭސިކް ފައިލް މެނޭޖްމަންޓް، އިންޓަރނެޓް، އިންޓްރޮޑަކްޝަން ޓު ކީބޯޑިންގ، އިންޓްރޮޑަކްޝަން ޓު ނެޓްވަރކިންގ އަދި އިންޓްރޑަކްޝަން ޓު ހާޑްވެއަރ އެންޑް ސޮފްޓްވެއަރގެ އިތުރުން އިނގިރޭސި އަދި ހިސާބުވެސް ކިޔަވަދޭނެއެވެ. ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން ފުރިހަމަ ކުރާ ޤައިދީންނަށް ސެޓްފިކެޓް 2 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.