މާފުށީގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ސާފުކުރުމުގެ މަސައްކަތުގައި އެމްސީއެސްގެ އޮފިސަރުން ބައިވެރިވެއްޖެ

ކ. މާފުށީ ސިއްޙީ މަރުކަޒުން އިސްނަގައިގެން، މާފުށީ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގައި މަދިރި މަދުކުރުމަށް ހިންގި ހަރަކާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ބައިވެރިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މި ހަރަކާތުގައި، މަދިރި މަދުކުރުމުގެ ގޮތުން ތަންތަން ސާފުކުރުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމާއި ފެންގަނޑު ހެދޭ ތަންނަށް ފަސް އެޅުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަސައްކަތުގައި މާފުށީ ޖަލުގައި މަސައްކަތްކުރާ ގިނަ އޮފިސަރުންނާއި އިންސްޓްޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްގެ އޮފިސަރުން ބައިވެރިވެފައިވާއިރު، އެރަށުގައި ހަރަކާތްތެރިވާ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ކުންފުނި ތަކުގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ ބައިވެރި ވެފައެވެ.