މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ޤާއިމުކުރެވުނު ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް މިއަދު ހުޅުވައިފިއެވެ. މި ޔުނިޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ.  

މިއަދު ހެނދުނު މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މިނިސްޓަރ ވަނީ މި ޔުނިޓް ހިންގުމަށް ޚާއްސަކޮށް އެކުލަވާލެވިފައިވާ “ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް” (އެސްއޯޕީ) ވެސް އިފްތިތާހުކޮށްދެއްވައިފައެވެ. މި އެސްއޯޕީއަކީ ޔޫއެންއޯޑީސީގެ ފަންނީ ލަފައާއި އީޔޫގެ މާލީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ އެސްއޯޕީއެކެވެ.

ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) އަކީ 100 ޤައިދީންގެ ޖާގައިގެ ޔުނިޓެކެވެ. މި ޔުނިޓަކީ ހަރުކަށި ފިކުރުގެ ޤައިދީން ރިހެބިލިޓޭޓް ކުރުމަށް ޚާއްސަކުރެވިފައިވާ ޔުނިޓެކެވެ. މި ޔުނިޓްގައި ޤައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ގެނައުމަށްޓަކައި ޚާއްސަ ޕްރޮގްރާމްތަކެއް ހިންގޭނެއެވެ. މިގޮތުން ބޭނުންވާ ހުނަރާއި ތަމްރީންގެ ބައެއް ޕްރޮގްރާމްތައް މިހާރުވެސް ވަނީ ޔޫއެންއޯޑީސީ އަދި އީޔޫގެ އެހީތެރިކަމާއެކު އޮފިސަރުންނަށް ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޖަލުގައި އެކަމަށް ޚާއްސަ ޔުނިޓެއް ޤާއިމް ވެގެން ދިއުމަކީ މި މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުވުމެއްކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ގުޅުންހުރި މުވައްސަސާތަކުގައި ގުޅިގެން އޮފިސަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ތަމްރީން ކުރިއަށްގެންދިއުން މުހިއްމުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ ވިސްނުން އޮފިސަރުންގެ ކިބައިގައި އަށަގަތުމުގެ މުހިއްމުކަމަށް މިނިސްޓަރ އަލި އަޅުއްވާލެއްވިއެވެ. އަދި ހޯމް މިނިސްޓްރީގެ ފަރާތުން ޔޫއެންއޯޑީސީއާ ގުޅިގެން އެމްސީއެސްއަށް މިކަންކަމަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޖަލުގައި އެކި ބާވަތުގެ ކުށް ކުރާ ޤައިދީން އެއްތަނަކު ގެންގުޅެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް އޭގެ ނަޖައިޒް ފައިދާ ނަގަމުން ދާ ކަމީ، އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމެއްކަމަށެވެ. މިފަދަ ޔުނިޓެއް ޤާއިމު ވެގެން ދިއުމަކީ އެފަދަ ހަރަކާތްތަކާއި ވިސްނުން ފަތުރަމުންދާ މީހުން ވަކިން ބެހެއްޓުމަށާއި ރިހެބިލިޓޭޓްކުރުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން މި ޔުނިޓް ހުޅުވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒާގެ ފަރާތުން  ލިބިނު އެއްބާރުލެއްވުމަށާއި ރިސްކް އެސެސްމަންޓް ހެދުމާއި އެ ޔުނިޓްގެ ކްލެސިފިކޭޝަން ޓޫލް ހެދުމަށް ޔޫއެންއޯޑީސީގެ ފަރާތުން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ސީޕީ ޝުކުރުދެންނެވިއެވެ.

ޔޫއެންއޯޑީސީގެ ފަރާތުން ވާހަކަދައްކަވަމުން ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު ވިދާޅުވީ އަދި މި މަސައްކަތް ނުނިމޭކަމަށާއި ފަންނީ އަދި މާލީ އެހީތެރިކަން ދިނުމަށް ޔޫއެންއޯޑީސީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.