އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 24 ވަނަ ބެޗް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގ(އެސްސީއެސް)ގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގާ “ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 6 ވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ. އަދި މިއީ އަސާސީ ތަމްރީން ޕްރޮގްރާމްގެ 24 ވަަނަ ބެޗެވެ

.މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅޭ 25 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދެވޭނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.