“ދަ ނެލްސަން މަންޑޭލާ ރޫލްސް”ގެ ޓްރޭނިންގ ޕްރޮގްރާމް ޕްރިޒަން އޮފިސަރުންނަށް ފަށައިފި

ޔޫއެންއޯޑީސީއާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” އާ ގުޅޭ ގޮތުން ހިންގާ ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިއްޔެ ފަށައިފިއެވެ.

2021 ޖަނަވަރީ 27-28 ގެ ނިޔަލަށް ކުރިއަށްދާ މި ޓްރޭނިންގ ޕްރޮގްރާމްގައި ހުރިހާ ޖަލުތަކުންނާއި ހެޑް އޮފީހުން ޖުމްލަ 51 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އެމްސީއެސްގެ އަމާޒަކީ މި ޕްރޮގްރާމް ހުރިހާ އޮފިސަރުންނަށް ހިންގުމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ “ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ޓްރީޓްމަންޓް އޮފް ޕްރިޒަނަރސް (ދަ ނެލްސަން މަންޑޭލާ ރޫލްސް)” ނުވަތަ ޖަލުތަކުގައި ބޭނުންކުރާ އެންމެ ދަށް މިންގަނޑު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްޤީކޮށް ސްޓްރީމްލައިން ކުރުވުމެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެނީ ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ “ދަ ނެލްސަން މަންޑޭލާ ރޫލްސް ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޓްރޭނިންގ ފުރިހަމަކޮށްފައި ތިބި އޮފިސަރުންނެވެ. މި ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި “ދަ މަންޑޭލާ ރޫލްސް” ގައި ހިމެނޭ ކަންތައްތަކާގުޅޭ މޮޑިއުލްސްތައް ބައިވެރިންނަށް ކިޔަވާދީފައިވެއެވެ. އޭގެ ތެރޭގައި އެ ރޫލްސްގެ އޮވަރ ވިއު، ޕްރިޒަން ކޮންޑިޝަންސް، ޕްރިޒަން ރެޖީމް، ސޭފްޓީ އެންޑް ސެކިއުރިޓީ، ހެލްތްކެއަރ އަދި ސޭފްގަރޑް ހިމެނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ އޮފިސަރުން ވެގެންދާނީ ޔޫއެންއޯޑީސީ ޤަބޫލުކުރާ ފެންވަރުގެ އޮފިސަރުންނަށެވެ.