18 އަންހެން ޤައިދީންނާއެކު ސެޓްފިކެޓް 2 އިން އެސެންޝަލް އެގްރިކަލްޗަރ ކޯހުގެ 1 ވަނަ ބެޗް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ” އެސެންޝަލް އެގްރިކަލްޗަރ ކޯހުގެ އޮރިއެންޓޭޝަން” ކޯހުގެ އެއްވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 18 އަންހެން ޤައިދީންނާއި ދެ އަންހެން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ކޯހުގެ މުއްދަތަކީ 15 ހަފުތާއެވެ.

މި ކޯހުގެ މަގްސަދަކީ ޤައިދީންނަށް ދަސްކޮށްދޭ އެކި ހުނަރުތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު ބިނާކުރުމެވެ. މީގެ އިތުރުން މި ކޯސް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމައުއަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަކީވެސް މިކޯހުގެ އަމާޒެކެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ދަނޑުވެރިކަމަކީ ކޮބައިކަމާއި، ދަނޑުވެރިކަން ކުރުމުގައި ވިސްނަންވީ ކަންތައްތަކާއި ބެހޭ އިތުރު މަޢުލޫމާތުތައް ހިއްސާކުރުމާއި، ގަސް އިންދައި ހައްދާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން، ޖަލުގެ މާޙައުލުން ނުކުތުމަށްފަހު ދަނޑުވެރިކަމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހުގައި ކިޔަވައި ދެއްވާނީ އައިކޯސްޓްގެ މުދައްރިބެކެވެ.