އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓަށް ޚާއްސަކޮށް “ކޮމިޝަންޑް އޮފިސަރސް ރިފްރެޝަރ ޕްރޮގްރާމް” ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ސީނިއަރ މެނޭޖްމަންޓަށް ޚާއްސަކޮށް ”ކޮމިޝަންޑް އޮފިސަރސް ރިފްރެޝަރ ޕްރޮގްރާމް”ގެ ނަމުގައި ޕްރޮގްރާމެއް މާފުށީ ޖަލުގައި ހިންގައިފިއެވެ.

2021 ޖަނަވަރީ 07 ން 09 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ އިތުރުން އެމްއެމްއޭގެ ބޯޑް ޑިރެކްޓަރ ކެޕްޓަން (ރިޓަޔަޑް) ޢަލީ އިހުސާންއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ފަންނީ ބޭފުޅުން ކިޔަވާދެއްވާފައިވެއެވެ. މި ޕްރޮގްރާމްގައި ޖުމްލަގޮތެއްގައި 23 ކޮމިޝަންޑް އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖާކޮށް، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ލީޑަރޝިޕް އެންޑް ކޮމިއުނިކޭޝަން ސްކިލްސް، ރޫލްސް އެންޑް ރެގިއުލޭޝަން، ޗޭންޖް މެނޭޖްމަންޓް، ދިވެހި ބަހުގެ ހަމަތަކާއި ޤަވާއިދުތައް، ސްވިމިންގ، ފުޓް ޑްރިލް އާއި ފިޒިކަލް ޓްރެއިނިންގ މޮޑިއުލްތައް ކިޔަވައިދިނުމުގެ އިތުރުން ޔޫއެން ކޮންވެންޝަން އަގޭންސްޓް ޓޯޗަރ އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގޭންސްޓް ޓޯޗަރ މުވާހަދާތަކާ ބެހޭ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.