އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު މިއަދު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

ޑިސެމްބަރު 11 އިން 22 އަށް ކުރިއަށް ގެންދިޔަ މި ތިން ޓްރޭނިންގ ޕްރޮގްރާމަކީ 19 އޮފިސަރުން ބައިވެރިވި “ޔޫއެންއޯޑީސީ ޑައިނަމިކް ޓްރޭނިންގ ޓީއޯޓީ”، 25 އޮފިސަރުން ބައިވެރިވި “ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން އިން ޕްރިޒަން” އާއި 25 އޮފިސަރުން ބައިވެރިވި “ޔޫއެންއޯޑީސީ ޓްރޭނިންގ އޮން ކައުންޓަރިންގ ވަޔޮލެންޓް އެކްސްޓްރީމިސްމް އިން ޕްރިޒަން” އެވެ. ޖުމްލަކޮށް 69 އޮފިސަރުން ވަނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވެ، ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމްތަކުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲއެވެ. މިނިސްޓަރގެ އިތުރުން މި ހަފްލާގައި  ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު،  ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތު ތައާރަފްކޮށްދެއްވަމުން ޔޫއެންއޯޑީސީގެ ނެޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު މި ތަމްރީންތައް އެއްވެސް ދަތިކަމެއް ނެތި ކުރިއަށްގޮސްފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ އޮފިސަރުންގެ ސަބަބުން ކަމުގައި ފާހަގަކުރައްވައި، އެމްސީއެސްގެ އޮފިސަރުން ޝައުގުވެރިކަމާއިއެކު ބައިވެރިވެ، ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި ޔޫއެންއޯޑީސީއިން ހޯމް އެފެއަރޒްއާ ގުޅިގެން ކުރެވިފައިވާ ކަންކަމަކީ ބަލާގަނެވޭ ފެންވަރުގެ ސަސްޓޭނަބަލް މަސައްކަތްތަކެއް ކަމުގައިވުން ކަމަށް ތާއިބާ ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހި ރާއްޖޭގެ ޖަލުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޤައިދީން ރިހެބިލިޓޭޓްކޮށް މުޖްތަމައުއަށް ނެރުމުގެ ޒިންމާ އަދާކުރެއްވުމުގައި ޕްރިޒަން އޮފިސަރުން ކުރަމުންގެންދާ މަސައްކަތްތަކަށް، ފުރިހަމަކުރި މި ތަމްރީންތަކަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.  ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ޖަލުތަކުގައިވެސް ހަރުކަށި ފިކުރު ފެތުރި، އޭގެ ނަތީޖާއެއްގެ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެގެންދާ ހިނދު، ހައްލު ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް ކަމަކީ އެފަދަ ޤައިދީންނާ މުއާމަލާތްކުރާ އޮފިސަރުން އެކަމަށް ހޭލުންތެރިވެ، ތަމްރީން ލިބިގެންދިއުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުންނަށް މަރުހަބާ ކިޔުއްވައި ޝުކުރު ދަންނަވަމުން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ ކަންތައްތައް ކުރެވެމުންދާ ކަމަށާއި އެންމެ އިސްކަން ދެނީ ތިން ސިޔާސަތު ތަންފީޒުކުރުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެއްވަނަ ކަމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ހީވާގި، ހުނަރުވެރި ފަންނީ ގޮތުން ޤާބިލު ބަޔަކަށް ހެދުން ކަމުގައިވާއިރު، ދެވަނަ ކަމަކީ ޖަލުތަކުގެ އުމްރާނީ ކަންތައްތައް ތަރައްގީ ކުރުން ކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން ތިން ވަނަ ކަމަކީ ޖަލުގައި އަމަލުކުރެވޭ އުޞޫލުތަކަކީ  ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އުސޫލުތަކަށް ހެދުން ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގައިފާ ވަނީ އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީ އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ “ކައުންޓަރ-ޓެރަރިޒަމް ސަޕޯޓް ޕްރޮޖެކްޓް” ގެ ދަށުން ފަންޑުކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އެހީތެރިކަމާއެކުގައެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ކޮންސަލްޓަންޓެއް ކަމަށްވާ އައިދާ މިޔޮލްމޯއެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)”ގެ “ޓްރޭނިންގ ދަ ޓްރޭނަރސް” ޕްރޮގްރާމް  ވެސް ވަނީ ޕްރިޒަން އޮފިސަރުންނަށް ހިންގާފައެވެ.