ހުޅުމާލެ ޖަލަށް 8 އަހަރު ފުރުން ފާހަގަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލެ ޖަލުގެ 8 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ޖަލުގައި ހަފްލާއެއް ބާއްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވާއިރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި  އެމްސީއެސްގެ ކޮމިޝަންޑް ރޭންކްތަކުގެ އޮފިސަރުންނާއި ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން މި ހަފްލާގައި ބައިވެރިވިއެވެ.

މި ހަފްލާގައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގަޑިއަށާއި ހާޟިރީއަށް ފަރުވާތެރިވި އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ދުވަހާގުޅޭ ޚާއްސަ ވީޑިއޯ ލަވައެއް ހުށަހެޅުމުގެ އިތުރުން ޚާއްސަ ކޭކެއް ވެސް ވަނީ ފަޅާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ހުޅުމާލެ ޖަލުގެ މިހާރުގެ ތިއްބެވި ބޭފުޅުންނާއި މީގެ ކުރިން އެކި ގޮތްގޮތުން ޚިދުމަތާއި އެހީތެރިކަން ފޯރުކޮށްދެއްވި އޮފިސަރުންނާއި މުވައްޒަފުންނަށް ޝުކުރާއި މުބާރަކްބާދީ އަރިސްކުރެއްވިއެވެ. ހުޅުމާކެ ޖަލަށް 8 އަހަރު ފުރިގެން ދާއިރު، މިއަހަރުގެ މި އެނިވަރސަރީ ދުވަސް މި ދިމާވީ މާލެ ޖަލާއި ހުޅުމާލެ ޖަލު އެއްކުރުމުގެ މަޝްރޫއު ބަޖެޓްގައި ހިމަނާ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި، ކޮންސެޕްޓް ޑްރޮވިންގ ނިމި، ޑީޓެއިލްޑް ޑްރޮވިންގގެ މަޝްވަރާތައް ކުރެވޭ ދުވަސްވަރާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މި ޖަލު ފުރިހަމައަށް ކުރަހާ، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި ހަމަތަކަށް ތެރެއަށް ފެތޭގޮތަށް މި ޖަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ ފެށުމަށް ތައްޔާރުވެފައިވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން މި ޖަލު ވެގެންދާނީ ރާއްޖޭގައި ހެދޭ ސަރަހައްދީ އެންމެ ބޮޑު ޖަލު ކަމުގައި މި ޖަލު ރިމާންޑް މީހުންނަށާއި އަންހެން ގައިދީންނާއި ކުޑަކުދިންގެ އިތުރުން ޑިޓެއިނީސްއަށް ޚާއްސަ ޖަލެއް ކަމުގައި ވެގެންދާނެކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ އޮފިސަރުންގެ ގިނަ ވަގުތާއި ހަކަތަ ހޭދަވެ، މަސައްކަތް ދެ ގުނަ ވެގެންދާ ކަމުގައި ފާހަގަކުރައްވާ، މާލެ ސަރަހައްދުގައި ގިނަ ކޯޓުތައް ގާއިމުވެފައި ހުރުމުން ހުޅުމާލެ ޖަލާއި މާލެ ޖަލު އެއްކޮށް ހުރިހާ ރިމާންޑް މީހުން އެ ޖަލަށް ބަދަލުކުރެވުމުން، މި ކަމަށް ބޮޑު ހައްލެއް ލިބި، އޮފިސަރުންނަށްވެސް އިތުރު އެކޮމަޑޭޝަން ބްލޮކްއެއް ލިބިގެންދާނެކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މި އަންނަ އަހަރު އިތުރު ޕްރޮޖެކްޓެއްގެ ގޮތުގައި ނޭކުރެންދޫ ޖަލު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ހުޅުމާލެ ޖަލާއި މާލެ ޖަލު ބޮޑުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށި، އިރާދަކުރެއްވިޔާ 2022 ގެ މެދުތެރެއަށް ޖަލުގެ އިންފްރާސްޓަރަކްޗަރގެ މަސައްކަތް ނިމިގެންދާނެކަމަށް އަންދާޒާ ކުރައްވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ ޖަލުތައް އިސްލާހުކުރުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ އޮފިސަރުންނާއި މުވައްޒަފުން އެއްބާލުލުން ދެއްވައި، ފަރުދީ ގޮތުން ކުރެވެން ހުރި ކަންކަން ބަލާ ހޯދުން ވަރަށް މުހިއްމު ކަމަށާއި މި މަސައްކަތުގެ ހުރަހަކަށް އެއްވެސް އޮފިސަރެއް އަދި މުވައްޒަފެއް ވެގެން ނުވާނެކަމަށެވެ.