ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ދަށުން ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 ގެ ދަށުން އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ މާފުށީ ޖަލުގެ ޑިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ރިޟާއެވެ.  

ޖުމްލަ 131 ޤައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާ ވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 50 ޤައިދީންނަށެވެ. މީގެ އިތުރުން ހަޔަރޑިސްޓިންކްޝަން ހާޞިލްކުރި 18 އަންހެން ޤައިދީންނަށާއި 20 ފިރިހެން ޤައިދީންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭއެސްޕީ ރިޟާ ވިދާޅުވީ ސެޓްފިކެޓް ހަވާލުކުރެވުނު މި ކޯސްތަކަކީ 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ޤައިދީންނަށް ހިންގޭ އެންމެ ކާމިޔާބު ޕްރޮގްރާމްތަށް ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވި ޤައިދީންނަށް ނަސޭހަތްތެރިވަމުން ވިދާޅުވީ މިކަމަކީ މުޖުތަމައުގައި އެމީހުންނާއިމެދު ޖެހިފައިވާ ލައްގަނޑާއި އެމީހުންނާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.

ރަސްމިއްޔާތު ނިމުމަށް ފަހު، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ، އެ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް މުޙައްމަދު މާހިރު އީސާ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ސެޓްފިކެޓް ހާސިލްކުރި ޤައިދީންނާ ވަނީ ބައްދަލުކުރައްވާފައެވެ.

ދަސްވެނިވި ޤައިދީންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރ ވިދާޅުވީ ޤައިދީން ރިހެބިލިޓޭޓްކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ. އަދި ޖަލުން ނިކުތުމަށް ފަހު، ލިބުނު ތައުލީމާއި ތަމްރީން އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފުމަށް މިނިސްޓަރ ބާރުއެޅުއްވިއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ. މި ފްރޭމްވަރކްގައި 4 ފޭސްއެއް އެކުލެވިގެންވެއެވެ. އެއީ ގައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާ އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާ “އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް” އެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވަރކް ރާވާ ހިންގާއިރު، މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.