ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ޖަލުގައި ހަފްލާއެއް ބާއްވައިފި

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލެ ޖަލުގެ މެޑިކަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް ގައި މިއަދު ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މީގެ އިތުރުން ޑެޕއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އަދި މާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި އެ ނުރައްކާތެރި ބައްޔާބެހޭގޮތުން ހޭލުންތެރިކުރުމަށް ހަފްލާއެއް ބޭއްވުމަށް އިސްނެންގެވިކަމަށްޓަކައި މާލެ ޖަލުގެ އޮފިސަރުންނަށާއި ސީނިއަރ މެނޭޖްމަންޓަށް ވަރަށް ޚާއްސަކޮށް ޝުކުރުއަދާ ކުރެއްވައި، އެކަމުގައި ކުރެއްވި މަސައްކަތްތައް ވަރަށް އުފަލާއެކު ބަލައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގައި އެކިއެކި ދުވަސްތައް ފާހަގަކުރަމުންދާއިރު، އެއިޑްސް ދުވަސް ފާހަގަކުރަމުންދަނީ މި ބަލީގެ ހައްސާސްކަމުންނާއި މިހާތަނަށް އެކަށީގެންވާ ފަރުވާއެއް ހޯދިފައިނުވާތީ ކަމުގައި ސީޕީ ވިދާޅުވިއެވެ. އަދި މި ނުރައްކާތެރި ބައްޔަކީ ދުރާލާ އާންމުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެ ބައްޔެއްކަމަށާއި އެމްސީއެސްއަކީ ބަޔަކު ބަންދުކޮށްގެން ބަލަހައްޓާ މުއައްސަސާއަކަށް ވުމުން މިފަދަ ބަލިތަކަށް ހޭލުންތެރިކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި އެއިޑްސް ދުވަހާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯސްޓަރެއް ވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުން ޑިވިޜަންތަކަށް އެއިޑްސް ދުވަހާގުޅޭ ރަތް ރިބަންވެސް ވަނީ ހަވާލުކޮށްފައެވެ.

މި ހަފްލާގައި އެއިޑްސް ބައްޔާބެހޭގޮތުން މައުލޫމާތުދީފައިވަނީ މާލެ ޖަލުގެ ހެޑް ނަރސް ސަނިތް ޖޯސެފްއެވެ. މިގޮތުން ހަފްލާގެ ބައިވެރިންނަށް ދެވުނު މައުލޫމާތުތަކުގެ ތެރޭގައި ޚާއްސަކޮށް ޖަލުތަކުގައި އެއިޑްސް ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި އެ ބަލި ޖެހިވާ ފަރާތްތަކާމެދު އަމަލުކުރަންޖެހޭ ގޮތްތައްތައް ފާހަގަކުރުމުގެ އިތުރުން މާލެ ޖަލުގެ މެޑިކަލް ސެންޓަރ މިހާރަށްވުރެ ތަރައްޤީކޮށް، މުސްތަޤްބަލުގައި އެއިޑްސް ބަޔަށް ސްކްރީންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުންފަދަ ކަންކަން ހިމެނުނެވެ.