މިނިސްޓަރ އޮފް ހޯމް އެފެއަރޒް، “ދި ނެލްސަން މަންޑޭލާ ރޫލްސް”ގެ “ޓްރޭނިންގ އޮފް ޓްރޭނަރސް” ޕްރޮގްރާމް ފުރިހަމަކުރި ޕްރިޒަން އޮފިސަރުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ، “ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)”ގެ “ޓްރޭނިންގ ދަ ޓްރޭނަރސް” ޕްރޮގްރާމް ފުރިހަމަކުރި ޕްރިޒަން އޮފިސަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ބޭއްވި މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޢަލީ ނަޒީރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އަދި ޔޫއެންއޯޑީސީގެ ޕްރޮގްރާމް ކޯޑިނޭޓަރ ތާއިބާ ސައީދު މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޓީއޯޓީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރި 14 ޕްރިޒަން އޮފިސަރުންނަށް ޝުކުރުއަދާކުރައްވައި، މި ޕްރޮގްރާމްގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ޕްރޮގްރާމްއިން ލިބުނު އިލްމުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށާއި ޙިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެހެން އޮފިސަރުން ތަމްރީންކުރަން ބޭނުންކުރުމަށް އެ މަނިކުފާނު ބާރުއެޅުއްވިއެވެ.

ކޯވިޑް-19 އާ ގުޅިގެން މި ޓީއޯޓީ ޕްރޮގްރާމް ހިންގާފައިވަނީ 15-17 ނޮވެމްބަރ 2020 އާ ހަމައަށް ވަރޗުއަލްކޮށެވެ. އަދި މި ޕްރޮގްރާމް އިންތިޒާމްކޮށްފައިވަނީ ޔޫއެންއޯޑީސީއާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއާ ގުޅިގެންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރި 14 އޮފިސަރުންނަކީ މިދިޔަ ސެޕްޓެމްބަރ މަހު “ދި ނެލްސަން މަންޑޭލާ ރޫލްސް” އާ ގުޅޭގޮތުން ހިންގި ތަމްރީންގެ ފުރަތަމަ ބެޗްއިން ހޮވާލެވުނު އޮފިސަރުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް “ދި މަންޑޭލާ ރޫލްސް” ގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެ ރޫލްސްގެ އޮވަރ ވިއު، ޕްރިޒަން ކޮންޑިޝަންސް، ޕްރިޒަން ރެޖީމް، ސޭފްޓީ އެންޑް ސެކިއުރިޓީ، ހެލްތްކެއަރ އަދި ސޭފްގަރޑް ފަދަ މޮޑިއުލްސްތައް ކިޔަވަދޭނެ ގޮތްތައް ހިމެނުނެވެ.