ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަންހެން އޮފިސަރުންނާއި ސިވިލް އޮފިސަރުން މިއަދު ހެނދުނު ފިރިހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުންނަށް ރަތް ދޫލައިން މަރުހަބާ ކިޔާ، ކުޑަ ހަފްލާއެއް ބާއްވައިފިއެވެ.

އެގޮތުން ޖަލުތަކާއި ހެޑް އޮފީހުގައި ބޭއްވި ހަފްލާތަކުގައި ފިރިހެނުންނަށް ހަދިޔާއެއް ދިނުމާއި ކޭކު ފެޅުމުގެ އިތުރުން ހާއްސަ ނާސްތާއެއް ވަނީ ހަމަޖައްސާފައެވެ.

މިގޮތުން ހެޑް އޮފީހުގެ ފިރިހެން ބޭކަލުންނަށް ހަދިޔާ ދީފައިވަނީ ޕޮއިޒް ޕަރފިއުމްސްގެ އެހީތެރިކަމާއެކުގައެވެ.

ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 19 ވަނަ ދުވަހުގައެވެ. މިގޮތުން މިއަހަރުގެ ޝިއާރަކީ ‘ފިރިހެނުންނާއި ކުޑަކުދީންނަށް ދުޅަހެޔޮ ސިއްހަތެއް” ކެވެ.





 
         
            
                
 
                     
                                 
                                 
                                 
                             
                             
                             
                             
                            